English Edition
Dhivehi Edition
ފިނޭންސް މިނިސްޓަރ އަމީން 2022 ވަނަ އަހަރުގެ ބަޖެޓް މަޖިލިހަށް ހުށަހެޅުއްވުން/ފޮޓޯ ރައްޔިތުންގެ މަޖްލިސް

2022ވަނަ އަހަރަށް ލަފާކުރާ ދިވެހި ދައުލަތުގެ ބަޖެޓްގެ ބަހުސް މަރުހަލާ ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދާ ޖަލްސާގައި ވަނީ އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓަށް ބަހުސްކުރަން ބޭނުންވާ މެމްބަރުން އެކަމަށް އެދުމުގެ ފުރުސަތު މާދަމާ މެންދުރު 12 ޖެހުމާހަމަޔަށް ހުޅުވާލާފައެވެ. ބަހުސްކުރުމަށް ކޮންމެ މެންބަރަކަށް ލިބިގެންދާނީ 15 މިނިޓްގެ ވަގުތުކޮޅެކެވެ. ބަޖެޓަށް ބަހުސް ކުރުމުގެ މަރްހަލާ އަންނަ ބުދަދުވަހާ ހަމަޔަށް ކުރިއަށްދާނެއެވެ. އެހެން އަހަރުތަކެކޭވެސް އެއްފަދައިން މަޖިލީހަށް ބަޖެޓް ހުށަހެޅުމަށްފަހު ބަޖެޓް ދިރާސާކުރުމަށް މެންބަރުންނަށް ވަނީ 7 ދުވަހުގެ މުހުލަތެއް ދީފައެވެ.

މި ބަޖެޓް ކޮމެޓީން ބަޖެޓު ދިރާސާކޮށް،ކޮމިޓީން ބަޖެޓް ފާސްކުރުމަށްފަހު މިމަހުގެ 18 ވަނަ ދުވަހު ތަޅުމަށް ހުށަހެޅުމުން ކޮމެޓީ ރިޕޯޓަށް ބަހުސް ކުރުމަށް 7 މިނިޓްގެ ފުރުސަތެއް ދިނުމަށް ރިޔާސަތުން ވަނީ ހަމަޖައްސާފައެވެ. ބަޖެޓްގެ ބަހުސްއަށްފަހު ޖަވާބުދާރީވުމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރަށް 45 މިނިޓްގެ ވަގުތެއް އެރުވޭނެއެވެ.
22 ވަނަ ދުވަހާ ހަމަޔަށް ބަހުސު މަރްޙަލާ ކުރިއަށް ގެންދިއުމަށްފަހު ޑިސެންބަރ މަހުގެ ކުރިން ބަޖެޓް ފާސްކުރުމުގެ މަސައްކަތް ނިންމަވާނެކަމަށް ނައިބްރައީސް އީވާ ޢަބްދުﷲވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުޤައްރިރަކީ ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒުއެވެ. ނައިބް މުޤައްރިރަކީ އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސެއިނެވެ. ބަޖެޓް ބަހުޘާއެކު ބަޖެޓްގެ ކޮމެޓީ މަސައްކަތްވެސް މިއަދު ފެށިގެންދާނެއެވެ.

2022 ވަނަ އަހަރަށް ދައުލަތުން ލަފާކޮށްފައިވަނީ36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އަންނަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 24.3 ބިލިއަން ރުފިޔާއެވެ. ޓެކްސްގެ އާމްދަނީގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލަފާކޮށްފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.