ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމައިފިއެވެ.
ފުރަތަމަ ދައުރަށް ފަހު 2 ހަފްތާގެ ޗުއްޓީއަކަށް މަޖްލިސް މެދުކަނޑާލީ މިދިޔަ އޭޕްރީލްމަހުގެ 27 ގައެވެ. ދެވަނަ ދައުރު ފަށަން ބުރާސްފަތި ދުވަހަށް ތާވަލު ކުރިއިރު މަޖިލީހަށް ބޮޑެތި މައްސަލަތަކެއް ވައްދަން އިދިކޮޅު ފަރާތްތަކާއި އެމްޑީޕީގެ “ފިކުރެއްގެ ދިރުން” ފެކްޝަނުން އަންނަނީ މަސައްކަތް ކުރަމުން ކަން ފާހަގަ ކޮށްލެވެއެވެ. އޭގެތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޣަޒުލުކުރަން ހުށަހަޅާ މައްސަލައާއި ރާއްޖެއާއި މޮރިޝަންއާއި ދެމެދު އޮތް ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގެ އިން ވަކިކުރި ގޮތުގެ މައްސަލައާއި ގުޅުވައިގެން ހުށަހަޅާ ޕެޓިޝަން ފާހަގަ ކޮށްލެވެއެވެ.
މޮރިޝަސްއާއި ރާއްޖެއާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބައިކުރި މައްސަލައިގައި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު އަމަލު ކުރެއްވީ ދިވެހިންގެ މަސްލަހަތާ ޚިލާފަށް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މި ދައުރުގައި ކުރިއަށްދާނެއެވެ.
އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ލިބިފައެވެ. މި މައްސަލަ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ވާހަކަ ދަންނަވަމެވެ.
— People's Majlis (@mvpeoplesmajlis) May 15, 2023
މި ދައުރު ފެށުމާ އެކު ކުރިއަށް ގެންދާނެ ކަމަށް ބެލެވޭ ބޮޑު އަނެއް ކަމަކީ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ “ފިކުރެއްގެ ދިރުން” ފެކްޝަނުގެ މެމްބަރުންނަށް ފިޔަވަޅު އެޅުމެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރޭ ވިޕްލައިންތަކާ ތަކުރާރުކޮށް ޚިލާފުވާތީ އެ ފެކްޝަނުގެ މެމްބަރުން، މަޖިލީހުގެ ކޮމިޓީތަކުން އެމްޑީޕީއަށް ލިބިފައިވާ ސްލޮޓްތަކުން މި ދައުރުގައި ވަކިކުރާނެ ކަމަށް ބެލެވެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޣަޒުލުކުރަން އިދިކޮޅުން ހުށަހަޅާ މައްސަލައަށް އެމްޑީޕީގެ މެންބަރުން ތާއީދުކޮށްފި ނަމަ އެމެންބަރުން ޕާޓީން ވަކިކުރާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.
މި ކަންތައްތަކާއެކު މަޖިލީހުގެ ޖަލްސާތަކުގައި ހޫނު ބަހުސްތަކެއް ހިނގާނެ ކަމަށް ބެލެވެ އެވެ.
މަޖިލިސް ޗުއްޓީއަށް ދިއުމުގެ މާކުރިން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ވަނީ ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުނި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފަ އެވެ.
ކުނި މެނޭޖުކުރުމުގެ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ކޮތަޅު ބޮނޑި ގަންނަ ފަރާތްތަކުން ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް އެ ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ. މިގޮތަށް ދިމާވީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި 50 ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ހިމެނި ނަމަވެސް ބިލް މަޖިލީހުން ފާސްކުރިއިރު ފީ ނެގުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި ކޮތަޅު ބޮނޑި ގަތުން ހިމަނާފައި ނުވާތީ އެވެ.
ޗުއްޓީއަށްފަހު މި އިސްލާޙަށް ބަޙުސް ކުރުންވެސް ކުރިއަށްދާނެ އެވެ.
މި ކަންތައްތަކާއެކު މަޖިލީހުގެ ޖަލްސާތަކުގައި ހޫނު ބަހުސްތަކެއް ހިނގާނެ ކަމަށް ބެލެވެ އެވެ.