English Edition
Dhivehi Edition

ބާރަށް އުޅަނދުތައް ދުއްވާ މީހުން ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ހުށަހެޅުއްވި އިސްލާހުގައި ވަނީ އެއްގަމު އުޅަނދު ދުއްވުމަށް ބިލާއި ބިލުގެ ދަށުން ހަދާ ގަވައިދަކުން ކަނޑައަޅާ ދުވެއްޔަށް ވުރެ ބާރަށް އެއްވެސް މީހަކު އެއްގަމު އުޅަނދެއް ދުއްވުމަކީ މަނާ ކަމެއް ކަމަށެވެ. އަދި އެފަދަ ކަމެއް ކުރި މީހެއްގެ އަދަބަކީ ފުރަތަމަ ފަހަރު ނަމަ، 1،000ރ. އިން ޖޫރިމަނާ ކުރުންކަމަށާއި ދެ ވަނަ ފަހަރަށް ނަމަ، 1،500ރ. އަދި ދެ ފަހަރަށް ވުރެ ގިނަ ފަހަރަށް ނަމަ، އިތުރުވާ ކޮންމެ ފަހަރަކު 2،000ރ. އިން ޖޫރިމަނާ ކުރުންކަމުގައި ބިލުގައިވަނީ ބަޔާންކޮށްފައެވެ. އަދި އެ މީހަކު ދުއްވި އުޅަނދެއް 15 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ ކަމަށްވެސް ބިލްގައިވެ އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން އެއްގަމު އުޅަނދު ދުއްވުމަށް ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވައިދަކުން ކަނޑައަޅާ ދުވެއްޔަށް ވުރެ ބާރަށް އުޅަނދު ދުއްވި މީހާގެ އަދަބަކީ ފުރަތަމަ ފަހަރަށް 500ރ. އިން ޖޫރިމަނާ ކުރުން، ދެ ވަނަ ފަހަރަށް ނަމަ 750ރ. އަދި ދެ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކު 1،000ރ. އިން ޖޫރިމަނާ ކުރުމެވެ.

1 ކޮމެންޓް
Ahmed
ނޮވެމްބަރު 30, 2019
ހާއްސަކޮށް ޖީއެން ދުއްވާ މީހުންގެ އުދަގޫ ވަރަށްވެސް ބޮޑު.އަދިވެސް ތި އަދަދު ކުޑަ