English Edition
Dhivehi Edition
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ކުރިއަށް އޮތް ފިނި މޫސުމުގައި ފަތުރުވެރިން އަންނަ މިންވަރު އިތުވާނެ ކަމަށް ލަފާކޮށް، ބައިނަލްއަގުވާމީ 10 އެއާލައިނެއްގެ ޗެކްއިން ހިދުމަތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޑޮމެސްޓިކް ޓާމިނަލް (ޓާމިނަލް 2) އަށް ބަދަލުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ.

އެމްއޭސީއެލްއިން ބުނީ، މި އެއާލައިންތަކުގެ ހިދުމަތް ޑޮމެސްޓިކް ޓާމިނަލަށް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށެވެ. މި ހިދުމަތް ބަދަލުކުރާ 10 އެއާލައިންގެ ތެރޭގައި ހިމެނެނީ އިޓަލީގެ ނިއޯސް، އޭރޯފްލޮޓް، ޔޫއެސް-ބަންގަލާ އެއާލައިންސް، އުޒްބެކިސްޓާނުގެ ސެންޓްރަމް އެއާ، ރަޝިޔާގެ އަޒުރް އެއާ، ސައިބީރިއާގެ އެސް ސެވަން އެއާލައިންސް، އަރުމީނިއާގެ ޝިރަކް އަވިއާ، ކުވައިތު އެއާވޭސް، ބަލްގޭރިއާގެ ގުލިވް އެއާގެ އިތުރުން ފްރެންޗް ބީގެ ފުލައިޓުތަކެވެ.

އާދިއްތަ ދުވަހުން ފެށިގެން ޗެކްއިންވުމަށް ސީދާ ޓާމިނަލް ދޭކަށް ދިޔުމަށާއި، ފުރުމުގެ އެންމެހައި ކަންކަން ނިންމުމަށް އެކަށީގެންވާ ވަގުތު އޮއްވައި އެއާޕޯޓަށް ދިޔުމަށް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެ ކުންފުނިން އިތުރަށް ބުނީ ގޮތުގައި، މި އިންތިޒާމުގެ ސަބަބުން ފަތުރުވެރިން ރާއްޖެ އައުން އެންމެ ބާރުބޮޑުވާ ދުވަސްވަރު ވީއައިއޭގެ ދެ ޓާމިނަލުން ވެސް ބައިނަލްއަގުވާމީ ދަތުރުތަކަށް ހިދުމަތް ފޯރުކޮށްދެވި، ޖާގައިގެ ތަނަވަސްކަމާއެކު ފަސޭހަ މާހައުލެއް ގާއިމުވެގެންދާނެ ކަމަށެވެ.