އައްޑޫ ސިޓީގެ ހިދުމަތްތައް ޒަމާނީކޮށް، އޮންލައިންކޮށް ފޯރުކޮށްދިނުމަށްޓަކައި އައްޑޫ ސިޓީ ކައުންސިލްގެ “ޑިޖިޓަލް ހަބް” ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ އޮކްސީކާ ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އޮކްޓޯބަރު 21، 2026ގަ އެވެ. މި މަޝްރޫއުގެ ފުރަތަމަ މަރުހަލާގައި 15 ދާއިރާއަކުން 65 އަށްވުރެ ގިނަ ހިދުމަތް އޮންލައިންކޮށް ލިބޭނެ އެވެ. އަދި ހިދުމަތްތަކަށް އެދި ހުށަހެޅުމާއި، ލިޔެކިޔުންތައް ފޮނުވުމާއި، ފައިސާ ދެއްކުމުގެ އިތުރުން ހުށަހަޅާފައިވާ މައްސަލަތައް ކުރިއަށްދާ ގޮތް އޮންލައިންކޮށް ބަލާލެވޭނެއެވެ.
ކައުންސިލްގެ ހިދުމަތްތަކުގެ އިތުރުން ފަތުރުވެރިންނަށް ބޭނުންވާ މައުލޫމާތާއި، އާންމުންގެ ހިޔާލު ހޯދުމާއި، ކުއްލި ހާލަތްތަކުގައި ދޭންޖެހޭ އިންޒާރުތައް ދިވެހި އަދި އިނގިރޭސި ބަހުން ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެއެވެ.
މި ނިޒާމުގެ ސަބަބުން ކައުންސިލްގެ އިދާރާތަކަށް ކުރަންޖެހޭ ދަތުރުތަކާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ، ހަލުވިކަމާއެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.