މި އަހަރުގެ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް، އިންޒެކް 2026ގެ ފުރަތަމަ ސެޝަންގެ ޕެނަލިސްޓުން މޯލްޑިވްސް ޒަކާތު ހައުސްއިން އިޢުލާނުކޮށްފިއެވެ.
‘ނާޒުކު ޙާލަތަށް ވާޞިލުކޮށްދޭ ކަންކަމުގެ ސިލްސިލާ ދެނެގަތުން: މާލީ ދަތިތަކުން އިޖުތިމާއީ އެކަހެރިކަމަށް ވާޞިލުވާ ގޮތް ދިރާސާކުރުން’ މި ނަމުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ ސެޝަންގައި، ކުއްލި ގޮތަކަށް ދިމާވާ ސިއްހީ ހާލަތްތަކާއި، ދަރަނީގެ ދަންތުރަ ފަދަ ކަންކަމުގެ ސަބަބުން މެދުފަންތީގެ އާއިލާތައް ފަގީރުކަމުގެ ތެރެއަށް ގެނބިގެންދާ ސަބަބުތަކާ މެދު، އިޖުތިމާއީ، އަދި އިގްތިސދީ މާހިރުންގެ މެދުގައި މަޝްވަރާކުރެވޭނެއެވެ.
ޒަކާތު ހައުސް އިން ބުނީ މި ޕެނަލްގައި ހިމެނިވަޑައިގަންނަވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ޑިރެކްޓަރ ޖެނެރަލް ސުނީތާ ޢަބްދުﷲ އާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެކްޓިންގ ޗީފް ކޮމާޝަލް އޮފިސަރ އަދި ޑިރެކްޓަރ އޮފް ރިއަލް އެސްޓޭޓް މެނޭޖްމަންޓް އަޙްމަދު އަސްލަމްގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންކްލޫޝަން ސެކްޝަންގެ ޑެޕިއުޓީ މެނޭޖަރ ތާއިފް އަޙްމަދު ރުޝްދީ ކަމަށެވެ.
މީގެ އިތުރުން ޒަކާތު ހައުސް އިން ބުނީ އެކި ދާއިރާތަކުގެ ތަފާތު ތަސައްވުރުތައް އެއްތަންކޮށްދޭ މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ މާލީ ދަތިކަމާއި އިޖުތިމާއީ ނާޒުކުކަމާ ދެމެދު އޮތް ގުޅުމުގެ މައްޗަށެވެ. އަދި މާލީ ދަތިތައް ތަޙައްމަލުކުރަމުންދާ ފަރުދުންނާއި އާއިލާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމުގެ މުހިންމުކަން މި ސެޝަންގެ ޒަރީއާއިން ހާމަކޮށްދޭނެއެވެ.
މި ސެޝަނަކީ އިންޒެކް 2026ގެ ތެރެއިން ކުރިއަށްގެންދެވޭ ސެޝަނެކެވެ. މި ކޮންފަރެންސްގައި ތަފާތު ތިން މައުޟޫޢަކަށް ސެޝަންތައް ކުރިއަށްދާއިރު، ކޮންމެ ސެޝަނެއްގައިވެސް ކީނޯޓް އެޑްރެހަކަށް ފަހު ޕެނަލް ޑިސްކަޝަނެއް އޮންނާނެއެވެ. މި ކޮންފަރެންސްގެ މަޤުޞަދަކީ ޒަކާތާއި އިސްލާމީ އިޖުތިމާޢީ މާލިއްޔަތާ ގުޅުންހުރި މިޒަމާނުގެ ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް ޢިލްމު ބަދަލުކުރުމަށް ބާރުއެޅުމެވެ. މީގެ ތެރޭގައި ނާޒުކު ހާލަތްތަކަށް ހައްލު ހޯދުމާއި އިޖުތިމާޢީ އަދި އިޤްތިޞާދީ ވިލުންތެރިކަން ވަރުގަދަކުރުމަށް އެޅިދާނެ ފިޔަވަޅުތައް ހިމެނެއެވެ. އިންޒެކް 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ 28 އޮކްޓޯބަރު 2026 ވާ ދުވަހުގެ ހެނދުނު 8:30އިން ރޭގަނޑު 7:00އަށް، މާލެ ސިޓީގެ އިސްލާމީ މަރުކަޒުގައެވެ.