English Edition
Dhivehi Edition
ރައީސް ޑރ, މުއިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގެ ތެރެއިން

ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މިއަދު ސޮއިކުރެވުނު މުހިންމު އެއްބަސްވުންތަކަށް، ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް ޒަރްދާރީ މިކަން ފާހަގަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ރިޔާސީ ގަނޑުވަރު އައިވާން-އެ-ސަދްރުގައި މިއަދު ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައެވެ. ރައީސް މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރިޔާސީ ގަނޑުވަރަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ރައީސް ޒަރްދާރީއާއި ޕާކިސްތާނުގެ ފަސްޓް ލޭޑީ އަސީފާ ބުއްޓޯ ޒަރްދާރީއެވެ. މި ޒިޔާރަތުގައި ދެ ބޭފުޅުން ވަނީ ރަސްމީ މަޝްވަރާތައް ވަކިން ބާއްވަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޒަރްދާރީ ވިދާޅުވީ، ސޮއިކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މިފަދަ ދަތުރުފުޅެއް ކުރެއްވުމުން ޕާކިސްތާނުގެ ރައްޔިތުން އެކަމާ ނުހަނު އުފާކުރާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ދާއިރާ ތަރައްގީވެ ކުރިއަރާފައިވާ މިންވަރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުގެ ވާހަކަފުޅުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ތާރީހީ އަދި އަހުވަންތަ ގުޅުމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ވިޔަފާރިއާއި، ތައުލީމާއި، ސިއްހީ އަދި ތަމްރީނުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރެވިގެންދާނެ ކަމަށް ވިދާޅުވެ، ދިވެހި ވަފުދަށް ޕާކިސްތާނުން އަދާކުރި ހޫނު މެހެމާންދާރީއަށް ރައީސް މުއިއްޒު ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދޭދޭ ގުޅުމުގެ އިތުރުން އިންޓަނޭޝަނަލް ފެންވަރުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. އަދި ބައްދަލުވުން ނިންމަވާލެއްވީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ކުރިމަގުގައި ވެސް އިތުރަށް ބަދަހިކުރެއްވުމުގެ ޔަގީންކަން އައުކުރައްވަމުންނެވެ.