ދިވެހިރާއްޖޭގައި ދީނީ ގޮތުން ހައްދު ފަހަނަޅާފައިވާ ޖަމާއަތްތަކުން ހިންގާ އަމަލުތައް ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ނެރުނު ގަރާރަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އިލްޔާސް ހުސައިން ފާޑު ވިދާޅުވެއްޖެއެވެ.
އެމްޑީއެން އާއި ދެކޮޅަށް ރާއްޖޭގެ ގިނަ ކައުންސިލްތަކުން ބަޔާން ނެރުނުކަން ފާހަގަކުރައްވާ އިލްޔާސް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ފާޅުގައި ދީނަށާއި ނަބިއްޔާއަށް ފުރައްސާރަކުރި އެމްޑީއެން އާއި ދެކޮޅަށް ރާއްޖޭގެ ގިނަ ކައުންސިލްތަކުން ބަޔާން ނެރުނު ހިނދު ހަނު ތިބެފައި، ސާބިތުނުހިފޭ ތުހުމަތަކަށް ވަކި ފަރުދަކު ރުއްސަން ގަރާރު ނެރުމުން، ދީނަށް ނަފުރަތުކުރާ މީހަކަށް އަޅުވެތިވެފައިވާ މިންވަރު ރައްޔިތުންނަށް ސާފުވެއްޖެކަމުގައި ޝައިހް އިލްޔާސް ވަނީ ވިދާޅުވެފައެވެ.
ޝއިހް އިލްޔާސްގެ ޓްވީޓާ އާއި އެކު އައްޑޫ ސިޓީ ކައުންސިލުން ނެރެފައިވާ ޤަރާރުގެ ފޮޓޯއެއް އާންމު ކުރައްވާފައިވާއިރު އެމްޑީއެން ގެ ރިޕޯޓާއި ދެކޮޅަށް އައްޑޫ ސިޓީކައުންސިލުން އެއްވެސް ވާހަކައެއް ދައްކާފައިނުވާތީ ގިނަ ބަޔަކުވަނީ ކައުންސިލަށް ވަރަށް ބޮޑަށް ފާޑުކިޔާފައެެވެ.
މަރު ކޮމިޝަނުން އަފްރާޝީމްގެ މަރާއި ބެހޭގޮތުން އެކުލަވާލި ރިޕޯޓާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ނެރެފައިވާ ޤަރާރުގައި ވަނީ ދީނީގޮތުން ހައްދުފަހަނަޅާފައިވާ ޖަމިއްޔާ ޖަމާޢަތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.