ސްޓޫޑެންޓް އޮފް ދަ އިޔާރ އިން ބެލުންތެރިންގެ ލޯތްބާއި މަގްބޫލުކަން ހޯދާފައިވާ ސިދާތް މަލޯތްރާގެ ފިލްމީ ދާއިރާގައި އެންމެ ފުރަތަމަ ކުރި މަސައްކަތަކީ ސްޓޫޑެންޓް އޮފް ދަ އިޔާރ ގެ މަސައްކަތް ނޫންކަމުގައި އޭނާ ބުނެފިއެވެ.
ސިދާތް ގެ އެންމެ ފަހުން ނިކުތް ފިލްމު މަރްޖާވާންގެ ކާމިޔަބީ ފާހަގަކުރަމުން އޭނާ ބުނީ މި ފިލްމާއެކު އޭނާ ހާސިލްކުރަން ބޭނުންވި ކަންތައް ހާސިލްވެއްޖެކަމުގައެވެ. ބޮލީވުޑްގައި ފިލްމީ އާއިލާއަކަށް ނިސްބަތް ނުވާ ތަރިއަކަށް ކުރިއަރާ ދިއުމަކީ އުދަގޫ ކަމެއްކަމުގައި ފާހަގަކުރަމުން ސިދާތް ބުނީ އޭނާ ސްޓޫޑެންޓް އޮފް ދަ އިޔާރ ގައި މަސައްކަތްކުރަން ފެށުމުގެ ކުރިން ކާނެ އެއްޗެއް ނިދާނެ ތަނެއް ނެތިގެން މުމްބާއީގައި ވަރަށް ހާލުގައި އުޅުނު ކަމަށެވެ.
“އަހަރެން ދިއްލީގައި މޮޑެލްކުރަމުން ދިޔަ އިރު އަހަރެން މަސައްކަތްކުރި އެޖެންސީ އާއި ގުޅައިގެން މުމްބާއީގެ ފިލްމު ޕްރޮޑެކްޝަން ޓީމަކުން އަހަރުން މި ސިޓީ އަށް ގެނައި. އަހަރެންނަށް އިތުރު ތަމްރީނުދީ ފިލްމެއް ކުޅުވާނެ ކަމުގެ ޔަގީންކަން ދިނުމަށްފަހު 8 މަސް ވީއިރުވެސް އެ ފިލްމުގެ މަސައްކަތެއް ނުފެށުނު. މުމްބާއީ އަށް ދިރިއުޅުން ބަދަލުކުރި ފުރަތަމަ ދުވަސް ކޮޅު ފިލްމު ޕްރޮޑެކްޝަންގެ އޮފީހުގެ ސޯފާގައި ނިދަނީ. އެކަމަކު އެ ފިލްމުގެ މަސައްކަތް ނުފެށި އެ ތަނުން ނިކުންނަން ޖެހުނު ހިސާބުން ހަގީގީ ހިތްދަތިކަމާއި ކުރިމަތި ލާންޖެހުނީ”ސިދާތް ބުންޏެވެ.
މީގެ އިތުރުން ސިދާތް ބުނީ މުމްބާއީގައި ވަޒީފާއެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށާއި، މަސައްކަތެއް ނުލިބި ގިނަ ދުވަސްވެ އެންމެ ފަހުން ދުވާލަކު އެންމެ ފަހަރަކު ކައިގެން ގޭގެ ކުލި ދައްކައިގެން ނޫޅެވޭ ހާލަތަށް ދިރިއުޅުމުގެ ކަންތައްތައް ދިޔަ ކަމަށެވެ. “މުމްބާއީ ކަހަލަ ހަރަދު ބޮޑު ސިޓީއެއްގަ ލާރި ނެތިއުޅުންވީ ހިތްދަތިކަމަކަށް. އެކަމަކު އޭރުވެސް ހިތްވަރު ދުލެއް ނުކުރަން.” ސިދާތް ބުންޏެވެ.
ދިރިއުޅުމުގައި ކުރިމަތިލާންޖެހުނު ގިނަ ހިތްދަތި ކަމާ އެކު ވެސް މިއަދު ސިދާތް ވަނީ އޭނާ ހާސިލްކުރަން ބޭނުންވާ ހުރިހާ އެއްޗެއް ބޮލީވުޑްގައި ހާސިލްކޮށްފައެވެ. ފިލްމީ އާއިލާއަކަށް ނިސްބަތް ނުވި ނަމަވެސް އަދި ފިލްމީ ދާއިރާ އާއި ކުރިން މާ ބޮޑު ގުޅުމެއް ނެތްނަމަވެސް އޭނާގެ ހުނަރާއެކު މިއަދު އޭނާއަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެއްތަރިކަން ޔަގީނެވެ.