English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރި ތަރި ސިދާތް މަލޯތްރާ ‘ކޮފީ ވިތް ކަރަން’ ގައި އޭނާގެ ކުރީގެ ލޯބިވެރިޔާ އާލިއާ ބަޓް އާއި ބެހޭ ގޮތުން ދެއްކި ވާހަކަތަކަށް އާލިއާ ޖަވާބު ދީފިއެވެ.

‘ކޮފީ ވިތް ކަރަން’ ގެ އެޕިސޯޑްގައި ކަރަން އާލިއާ އާއި ބެހޭ ގޮތުން ސުވާލުކުރުމުން ސިދާތް ބުނެފައިވަނީ އާލިއާ އާއި އޭނައަކީ މާކުރިންވެސް އެކަކު އަނެކަކަށް ދަންނަ ދެމީހުންކަމަށެވެ. އަދި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްވަރު ކުރެވުނު ތަޖްރިބާތަކަކީ ހިތި ތަޖުރިބާތަކެއް ނޫންކަމުގައި ސިދާތްވަނީ ބުނެފައެވެ. “އެހެން ގުޅުންތަކުގައިވެސް ދިމާވާގޮތައް އެކަންތައް ހިނގާ އަދި އެކަންތައް މިހާރުވަނީ ނިމިފައި.އަހަރެން އެކަމާމެދު މިހާރު ނުވިސްނަން” ސިދާތް ބުންޏެވެ. މީގެ އިތުރުން ސިދާތް ބުނީ އެދެމީހުން ވަކިވި ފަހުން އާލިއާ އާއި ވަރަށް ދިމާނުވާކަމަށެވެ.

ސިދާތްގެ ވާހަކަތަކައް ޖަވާބު ދެމުން އާލިއާ ބުނެފައިވަނީ ‘ކޮފީ ވިތް ކަރަން’ގެ އެ އެޕިސޯޑް އޭނާ ބަލާފައިވާކަމަށެވެ. އަދި އޭނާ އާއި ސިދާތް އާންމުކޮށް ދިމާވާކަމަށާއި އެ އެޕިސޯޑް އަކީ މާކުރިން ޝޫޓްކޮށްފައިވާ އެޕިސޯޑެއް ކަމަށެވެ. އަދި އެ ދެމީހުންގެ މެދުގައި ހުރިހާކަމެއްވެސް ކުރިއެކޭ އެއްގޮތަށް އާދައިގެ ގޮތަކަށް ކުރިއަށްދާ ކަމަށް އާލިއާވަނީ ބުނެފައެވެ. “އަހަރެން އަދިވެސް ސިދާތްއަށް ވަރަށް އިހްތިރާމް ކުރަން. އަހަރެމެން ދެމީހުން ފިލްމީ މަސައްކަތް ފެށީ އެކުއެކީގަ. އަހަރެމެން ދެމީހުން ދޭތެރޭވަރަށް ގިނަ ކަންތައްތައްވަނީ ހިނގާފައި” އާލިއާ ބުންޏެވެ. މީގެ އިތުރުން އާލިއާ ބުނެފައިވަނީ އޭނާގެ ހިތުގައި ސިދާތް އާއި މެދު އެއްވެސް ބުރަކަމެއް ނެތްކަމަށާއި ސިދާތްވެސް އޭނާއާއި މެދު ދެކެމުންދަނީ އެ ގޮތަށް ކަމަށް ގަބޫލުކުރާކަމަށެވެ

އާލިއާ އާއި ސިދާތް ބޮލީވުޑަށް ތައާރަފްވީ 2012 ވަނަ އަހަރު ކަރަންގެ ފިލްމު ‘ސްޓޫޑެންޓް އޮފް ދި އިޔާ’ އިންނެވެ. މި ދެ ތަރިން ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އެ ގުޅުން ނިމުމުން އާލިއާ ވަނީ މަޝްހޫރު ތަރި ރަންބީރު ކަޕޫރް އާއި ގުޅިފައެވެ