English Edition
Dhivehi Edition

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު، ގާސިމް އިބްރާހީމްގެ އެޑްވައިޒަރުގެ މަގާމުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އެޑްވައިޒަރުގެ މަގާމުން އިސްތިއުފާދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްއަށް، ނާޒިމް ފޮނުވި ސިޓީގައި ވަނީ މި ވަގުތު މަސައްކަތް ހުރި ގޮތުން ޖޭޕީގެ މަސައްކަތްތަކަށް އެކަށީގެންވާ ވަގުތު ނުދެވޭތީ ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ހުށައަޅުއްވާކަމަށާއި އިސްތިއުފާ ގަބޫލު ކުރެއްވުން އެދި ވަޑައިގަންނަވާ ކަމަށެވެ. ނާޒިމް މި މަގާމުން އިސްތިއުފާދެއްވާފައި މިވަނީ ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކާ ދުރުގައި ހުންނަވާތާ ދުވަސްތަކަކަށް ފަހު އެވެ.

ނާޒިމް އެ މަގާމުން އިސްތިއުފާދެއްވާފައިވާއިރު ރޭ ގާސިމްގެ އެޑްވައިޒަރަކަށް ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު ވަނީ ހަމަޖައްސާފައެވެ.

ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ސިލްސިލާ ޖަލްސާތައް އެ ޕާޓީން ބައްވަމުން އަންނައިރު ފަހަކަށް އައިސް އެ ޕާޓީ އާއި ގުޅިފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ޕީޕީއެމްގެ ކުރީގެ މެމްބަރުންނެވެ.