English Edition
Dhivehi Edition

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ކެމްޕެއިން މެނޭޖަރުންގެ ގޮތުގައި ދެބޭފުޅަކު ހަމަޖައްސަވައިފިއެވެ. ޖުމްހޫރީ ޕާޓީގެ ކައުންސިލް ގްރޫޕަށް ލީޑަރު ގާސިމް އިބްރާހިމް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރާއްޖެ ބައިތަކަކަށް ބަހާލައިގެން ކެމްޕެއިންގެ އެންމެހާ ކަންކަން ޕާޓީގެ ސެކްރެޓޭރިއަޓާ ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމަވައި ރާއްޖޭގެ ދެކުނުގެ ކެމްޕެއިން މެނޭޖަރަކަށް އިލްހާމް އަހުމަދު ހަމަޖައްސަވާ ކަމަށާއި އުތުރަށް އަމީން އިބްރާހިމް ހަމަޖައްސަވައިފިކަމަށެވެ.

ޤާސިމް އިބްރާހީމްގެ ސްޕެޝަލް އެންވޯއީކަންވެސް ކުރައްވަމުން ގެންދަވާ އިލްހާމް އަޙްމަދު ހަމަޖެއްސެވި އަތޮޅުތަކުގެ ތެރޭގައި ވ،މ،ފ،ދ،ތ،ލ،ގއ،ގދ،ޏ އަދި ސ. ހިމެނެއެވެ. އޭގެ އިތުރުން މާލޭގެ އެއް އެއްބައި ވެސް އިލްހާމްއާ ވަނީ ހަވާލު ކުރައްވާފައެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ހަމަޖެއްސެވި އަތޮޅުތަކުގެ ތެރޭގައި ހިމެނެނީ ހއ. ހދ. ށ. ނ. ރ. ބ. ޅ. ކ. އއ. އދ. އަތޮޅުގެ އިތުރުން މާލޭގެ ދެ ބައިކުޅަ އެއްބައެވެ.

ލީޑަރު ގާސިމް އިބްރާހީމާއި ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އިލްހާމް މީގެކުރިން ވަނީ ރައްޔިތުންގެ މަޖިލިހުގެ ގެމަނަފުށީ ދާއިރާގެ މަޖިލިސް މެންބަރު ކަމާއި، ދަނގެތީ ދާއިރާގެ މަޖިލިސް މެންބަރުކަންވެސް ކުރައްވައިފައެވެ. ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ރައީސްކަން ވެސް ކުރައްވާފައިވާ އިލްހާމް ވަނީ ޑީއާރްޕީގެ ޑެޕިޔުޓީ ލީޑަރު ކަމާއި، ޕީޕީމްގެ ޑެޕިޔުޓީ ލީޑަރުކަމާއި، ޖުމްހޫރީ ޕާޓީގެ ޑެޕިޔުޓީ ލީޑަރު ކަމުގެ މަގާމާއި ރައްޔިތުންގެ މަޖިލީހުގެ ޖޮއިންޓް ޕީޖީގެ ޑެޕިއުޓީ ލީޑަރު ކަމާއި އޮނަރަބަލް ގާސިމް އިބްރާހިމްގެ އެޑްވައިޒަރުކަން ވެސް ކުރައްވާފައެވެ.

ރާއްޖޭގެ އުތުރުގެ ކެމްޕެއިން މެނޭޖަރަކަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ހަމަޖައްސާފައިވާ އަމީންއަކީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ކަން ކުރެއްވި ބޭފުޅެކެވެ. އޭގެއިތުރުން އަމީންއަކީ ފެށުނީއްސުރެ ޖުމްހޫރީ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވަމުން އަންނަ ބޭފުޅެކެވެ.