English Edition
Dhivehi Edition

2023 ގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގައި ބައިވެރިވުމަށް، ރައްޔިތުންގެ ކިބައިން ޤާސިމް އެދިވަޑައިގެންފިއެވެ.

ޤާސިމް އިބްރާހިމް މިފަދައިން އެދިވަޑައިގަތީ އދ. މާމިގިލިން ޖުމްހޫރީޕާޓީއާ އަލަށް ގުޅުނު 100 އަށްވުރެ ގިނަ މެމްބަރުންގެ ފޯމުތަކުގެ ތެރެއިން 72 މެމްބަރުންގެ ފޯމާއި ހަވާލުވެވަޑައިގަންނަވާ މަންޒަރު ހިއްސާކުރައްވައި ކުރެއްވި ޓުއިޓެއްގައެވެ.

ފަހަކަށް އައިސް ޖޭޕީއާ އަލަށް ގުޅިވަޑައިގަންނާވާ މެމްބަރުންގެ އަދަދު ގިނަވެފައިވާއިރު، ޕާޓީއާ އަލަށް ގުޅެމުންދާ މެމްބަރުންގެ ތެރޭގައި، ގިނައަދަދެއްގެ ޒުވާނުންނާއި، ފަނުންވެރިން އަދި ކަނބަލުން ހިމެނެއެވެ.

ޖުމްހޫރީޕާޓީއާއި އަލަށް ގުޅޭ އެންމެހާ މެންބަރުންނަށް ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ވަނީ ނުހަނު ލޮބުވެތި މަރުހަބާއާއި ތަހުނިޔާ ދަންނަވާފައެވެ.

ޕާޓީގެ ލީޑަރު އަދި މުޅި ލީޑަރޝިޕުން ދެކިވަޑައިގަންނަވާ ގޮތުގައި ޖުމްހޫރީ ޕާޓީއަކީ ރައްޔިތުންގެ ހިތާ ގުޅިފައިވާ ރައްޔިތުންގެ ވިންދެވެ.