މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއިއެކު ކޯލިޝަން ހަދައިގެން ޖުމުހޫރީ ޕާޓީއަށް ލިބުނު އެއްވެސް ފައިދާއެއް ނެތްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބަށް އެމްޑީޕީއާއިއެކު ކޯލިޝަން ހެދީ އެ ޕާޓީއަށް މަގާމުތަކާއި ބައެއް ބާރުތައް ދޭނެކަމަށް އެއްބަސްވުމުންކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ ކޯލިޝަން އެއްބަސްވުމާއި އެއްގޮތަށް ޖުމްހޫރީ ޕާޓީއަށް ލިބުނު ފައިދާއެއް ނެތްކަމަށެވެ. އެހެންނަމަވެސް އެ ހުރިހާ ހިތްހަމަނުޖެހުންތަކާއިއެކު ވެސް ޖޭޕީގެ މެމްބަރުން ތިބީ މަޑުމައިތިއަކާއިއެކު ކެތްތެރިވެގެން ކަމަށް ގާސިމް ވިދާޅުވިއެވެ.
އޭރު އެމްޑީޕީ އާއި ޖޭޕީ އާއި ދެމެދު އެއްބަސްވެވުނު ކަންތައްތައް ހާމަކުރައްވަމުން ގާސިމް ވިދާޅުވީ ކޯލިޝަން އެއްބަސްވުމުގައި އޮތީ ރައީސް ސޯލިހްގެ ވެރިކަމުގެ ފަސް އަހަރު ޖޭޕީއަށް މަޖިލީހުގެ ރައީސްކަން ދިނުމަށް ކަމަށެވެ. އަދި ކުންފުނިތަކުގެ އިސް މަގާމުތަކާއި، ސިޔާސީ އެހެން މަގާމުތައް ޖޭޕީއަށް ދޭން ބުނި އަދަދަށް ނުދިނުމުން އެ ކަމުގެ ސަބަބުން ޕާޓީއަށް ވަރަށް ބޮޑު ނިކަމެތިކަމެއް ލިބިގެން ދިޔަ ކަމަށް ގާސިމް ވިދާޅުވިއެވެ.
އޭރު ވެސް ކުރަމުން ދިޔަ ޝަކުވާއަކީ ސަރުކާރުގެ ބޮޑު އިންސައްތައެއް އެމްޑީޕީން ނަގައިގެންވެސް އެ ޕާޓީއަށް އެކަށީގެންވާ މަގާމުތައް ނުލިބޭކަމުގެ ޝަކުވާތައް ކަމަށާ އެކަމުގެ ސަބަބުން މައްސަލަތައް އުފެދުނުކަމަށް ގާސިމް ވިދާޅުވިއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއި އެކު ކޯލިޝަން ނަހަދަން ޖޭޕީއިން ނިންމާފައިވާއިރު އެ ޕާޓީން ވަނީ ރިޔާސީ އިންތިހާބުގެ ޓިކެޓް ގާސިމް އިބްރާހީމް އާއި ހަވާލުކޮށް ކެމްޕެއިން ހަރަކާތްތައް ފަށާފައެވެ.