English Edition
Dhivehi Edition

ދުވަސް ދުއްވާލާ، ހޭއަރުވާލާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގަށް އިންޒާރު ދިން މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށައަޅާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

މީގެ ކުޑައިރުކޮޅެއްކުރިން އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވިދާޅުވީ މެންބަރު އަހުމަދު ތޯރިގުގެ ނަން އިއްވުމުން މަޖިލީހުން ނިކުމެ ވަޑައިގަންނަވަން ، ވަޑައިގަންނަވަނިކޮށް ނަޝީދު އިންޒާރު ދެއްވާފައިވާ ކަމަށާއި އެހެން ދެއްވާ އިންޒާރަކަށް އިދިކޮޅުން ފަހަތަކަށް ނުޖެހޭނެ ކަމަށެވެ. ރައީސް ނަޝީދު ރިޔާސަތުގައި އިންނަވައިގެން އިންޒާރު ދެއްވީ މައިކް ކަނޑާލުމަށް ފަހު ކަމަށް ވިދާޅުވެ އަބްދުއްރަހީމް ވަނީ ނަޝީދު ތޯރިގުއަށް އިންޒާރުދިން އަޑު އެ ވަގުތު މަޖިލީހުގައ ތިބި އެތައް ބަޔަކަށް އަޑުއިވޭނެކަމަށްވެސް ވިދާޅުވެފައެވެ.

” މަޖިލީސް ރައީސް ކަމުގެ މަގާމުގައި އިންނަވައިގެން ރައީސް ނަޝީދު ތޯރިގުއާއި ދިމާއަށް ޖެއްސި ވައްތަރު އަޅުގަނޑުމެން ދުށިން. ކައިރީގައި ތިއްބެވި ބޭފުޅުން އަޑުއެހި. އެމަނިކުފާނު ވިދާޅުވީ މައިކް ކަނޑުއްވާލައްވާފައި ގައިގަވެސް އަތްލާނަމޭ، ކަލޭ ދުވަސް ވެސް ދުއްވާލާނަމޭ، ހޭ އަރުވާލާނަމޭ” އަބްދުއްރަހީމް ވިދާޅުވި އެވެ.

އިއްޔެ މަޖިލީހުގެ ޖަލްސާ ހިނގަމުން ދިޔަ ވަގުތު މަޖިލީހުގެ ތަޅުމުގައި ކަށިގަނޑު ފުމެ އަޑުގަދަކޮށްފައި ވާތީ، މީގެ ފަހުން އެގޮތަށް އަމަލު ނުކުރައްވާނެ ކަމަށް 100 ފަހަރު ލިޔަން އިއްޔެ ވެސް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތޯރިގް އަށް އަންގަވައިފަ އެވެ. އަދި މިއަދުގެ ޖަލްސާގައިވެސް މަޖިލީހުގައި ދުންމާރި ފުމެ، އަޑުގަދަކުރުމުގެ ސަބަބުން ތޯރިގުގެ ނަން އިވައި ތަޅުން ދޫކޮށް ވަޑައިގަތުމަށް ރިޔާސަތުން ވަނީ އަންގައިފައެވެ.