English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ލިބިވަޑައިގެންފިނަމަ، ރިޔާސަތު ބެލެހެއްޓެވުމުގައި ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) ވިދާޅުވެއްޖެއެވެ

‘ރާއްޖެއެމްވީ’ އަށް ދިން އިންޓަވިއުއެއްގައި ޝަރީފުވަނީ މަޖިލީހުގެ ރައީސްކަމަށް ކުރިމަތި ލެއްވުމުގެ ޝައުގުހުރިކަން ފާޅުކުރައްވާފައެވެ. މި ގޮތުން ޝަރީފް ވިދާޅުވީ ތަޖުރިބާގެ އަލީގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ލިބިވަޑައިގެންފިނަމަ ސަރުކާރު ދިފާއުކޮށް، އެޖެންޑާ 19 ތަންފީޒު ކުރުމުގެ ބާރަކަށް އެކަންވެގެންދާނެކަމަށެވެ. މީގެ އިތުރަށް ޝަރީފު ވިދާޅުވީ އޭނާއަކީ މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެން މެމްބަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެއްކަމަށާއި މަޖިލީހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއްކަމުގައެވެ.

މަޖިލީހުގެ ރައީސްކަމަށް ވަޑައިގަތުމަށްޓަކައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ވެސް މަޝަވަރާ ކުރައްވާނެކަމަށާއި އަދި މެމްބަރުންގެ ތާއީދު ހޯއްދެވުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މި މަހުގެ 06 ވަނަ ދުވަހު ބޭއްވި މަޖިލީސް އިންތިހާބުގައި އެމްޑީޕީއިން މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފައިވާއިރު މަޖިލީހުގެ ރައީސް ކަމަށް ގެންނާނެ ބޭފުޅަކާމެދު ދަނީ މަޝްވަރާކުރެވެމުންނެވެ. މި ގޮތުން ކުރީގެ ރައީސް ނަޝީދުގެ ތައީދު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއަށް ލިބިފައިވާއިރު ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރުވެސްވަނީ ރައީސްކަމަށް ކުރިމަތި ލައްވާނެކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ވިލުފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ހަސަން އަފީފުވެސް ވަނީ މަޖިލީހުގެ ރައީސްކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ