އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަ ކަމަށް ގޮވާލާ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ބައިވެރިވެފައިވާ ކަމަށާއި އެތައް ގާނޫނެއް ހަމަހަމަކަމަށް ބާރުދޭގޮތަށް ފާސްކުރެވިފައިވާ އިރުވެސް، ރައްޔިތުންގެ މަޖިލީހަށް ބަލާލިކަމުގައި ވިޔަސް ހަމަހަމަކަމާ ގާތައްވެސް ނުދެވޭކަން ފެނިގެންދާކަމަށް މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަންހެނުން ބާރުވެރި ކުރުވުމަށާއި އަންހެނުންނާއި މެދު ކުރާ ތަފާތުކުރުންތައް ނައްތާލުމަށް އެކި ގޮތް ގޮތުން އެތައް މަސައްކަތްތަކެއް ކުރެވިފައިވީ ނަމަވެސް މިއަދާ ހަމައަށްވެސް އެކަން ކުރެވިފައި ނުވާކަން ފާހަގަކޮށް ގާނޫނާ ގަވާއިދުތަކުގެ ތެރެއިން އަންހެނުންނަށް ލިބިދޭ ހަމަހަމަކަން ކަށަވަރު ކުރުމަށް ކުރެވޭނެ ކަންކަން ދެނެގަތުމަށް އިވާ ހުށަހެޅުއްވި ގަރާރުގައިވަނީ ގޮވާލާފައެވެ. މިއަދު ކުރިއަށް ދިޔަ މި ގަރާރުގެ އިބްތިދާއީ ބަހުސްގައި އީވާ ވިދާޅުވީ ދިވެހިރާއްޖޭގައި އަމަލުކުރާ ގާނޫނުތަކާއި ގަވައިދު ތަކާއި ސިޔާސަތުތަކާއި ނިޒާމުގައި ހުރި ދަތިތަކާއި ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއިން ޕާލިމެންޓްރީ އިންކުއަރީއެއް ހަދަންޖެހޭ ކަމަށެވެ.
އަންހެނުންގެ ރައްކާތެރިކަމަށްޓަކައި ފާސްކޮށްފައިވާ ގާނޫނުތަކުގެ ދަށުން ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކާއި އެ މައްސަލަތައް ސާބިތުވެފައިވާ މިންވަރު ދައްކައިދޭ ތަފާސް ހިސާބުތައް ހާމަކުރައްވަމުން އީވާ ވިދާޅުވީ ފާސްކޮށްފައި ހުރި ގާނޫނުތަކުގެ ދަށުން ދައުވާކުރި ނަމަވެސް ގިނަ ފަހަރު ކުށް ސާބިތުނުވާ ކަމަށާއި އެގޮތަށް ކަންތައް ވަނީ ފަަނޑިޔާރުން އެގޮތް ބޭނުން ނުވާތީ ކަމަށެވެ.
ގެވެށިއަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން 2012 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ކޯޓަށް ހުށަހެޅުނީ 18 މައްސަލަ ކަމަށާއި އޭގެއިން ސާބިތުވީ ހަތަރު މައްސަލަކަމަށް ވިދާޅުވެ އީވާ ވަނީ ތިމަންނައާ ބެހިއްޖެއޭ ކިޔާފައި މައްސަލައެއް ހުށަހަޅަން ކެރޭނީ ކިތައް އަންހެނުންނަށްތޯ ސުވާލު އުފެދޭ ކަމަށް ވިދާޅުވެއެވެ. އަދި މި ފަދަ މައްސަލަތަކަށް އިންސާފު ނުލިބޭތީ ގިނަ މީހުން މައްސަލަ ހުށަހަޅަން ބޭނުންނުވާކަމަށްވެސް އީވާ ވަނީ ވިދާޅުވެފައެވެ.
އިތުރަށް އީވާ ވިދާޅުވީ އަންހެނުންގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށް ހަދަން ޖެހޭ ގާނޫނުތައް ހަދައި ހަަމަހަމަކަމާއި އިންސާފު ލިޔުމުން ކިތަންމެ ވަރަކަށް ވެސް ރާއްޖޭގައި ލިބިދީފައިވާ ކަމަށާއި އެކަމަކު ލިޔެކިޔުމާ ހަގީގަތާ ދެމެދު ބޮޑެތި ބާގަނޑުތަކެއް އެބަހުރިކަމަށާއި ޕާލަމެންޓްރީ އިންކުއަރީއެއް ހަދަން ޖެހެނީ އެ ބާގަނޑުތައް އޮތް މިންވަރު ދެނެގަތުމަށް ކަމަށެވެ.