English Edition
Dhivehi Edition

ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލިސްގެ ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު، ވަގުތު އޮއްވައި ހުޅުވާލާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީ އިން މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ގިނަ މެމްބަރުން ފާޅުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ހުރިހާ ފަރާތްތަކަށް ވެސް އެކަމަށް ކުރިމަތިލާން އެކަށީގެންވާ ވަގުތު އޮއްވައި ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

އާ މަޖިލިސްގެ ރައީސް ކަމަށް ގެންނާނެ ބޭފުޅެއްގެ ނަން ކަނޑައެޅުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ވޯޓް ނަގާނެ ގޮތަކާ މެދު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދިފައިވާއިރު ގިނަ މެމްބަރުން ވިދާޅުވީ މަޖިލީސް ރައީސަކު ހޮވުމުގައި ނަގަންޖެހޭނީ ސިއްރު ވޯޓެއްކަމަށެވެ.

މަޖިލިސްގެ ރައީސް ކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން މިހާތަނަށް ފާޅުކުރައްވާފައި ވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، ވިލުފުށީ ދާއިރާއަށް އިންތިޚާބްވެ ވަޑައިގެންފައިވާ ހަސަން އަފީފް އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ. މީގެތެރެއިން އެމްޑީޕީގެ ރައީސް ނަޝީދުވަނީ އަސްލަމް މަޖިލީހުގެ ރައީސްކަމަށް ހޮވުމަށް ތާއިދުކުރައްވާކަމަށް ވިދާޅުވެފައެވެ. އަސްލަމް މަޖިލީހުގެ ރައީސްކަމަށް ގެނައުމަށް ނަޝީދު ތާއިދުކުރައްވާފައިވާއިރު އެ ޕާޓީގެ ގިނަ މެމްބަރުންވެސް ވަނީ ނަޝީދުގެ ވާހަކައަށް ތާއިދުކޮށްފައެވެ.