English Edition
Dhivehi Edition
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރެއްވުން ފޮޓޯ: ރައްޔިތުންގެ މަޖިލީސް

20 ވަނަ ރައްޔިތުންގެ މަޖިލިހުގައި ހިމެނިވަޑައިގަންނަވާ 93 މެންބަރުން މިއަދު ހުވާ ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި މިއަދު ހެނދުނު 9:00 ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މެންބަރުންނަށް ހުވައިލައި ދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.

މެންބަރުން ހުވާ ކުރެއްވުމުގެ ޖަލްސާ އަށް ފަހު ހެނދުނު 10:15 ގައި 20 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ނިންމާފައިވާއިރު އެ ޖަލްސާ އަށް އެޖެންޑާ ކޮށްފައި ވަނީ މަޖިލިހުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރުމެވެ. ޖަލްސާގައި ރިޔާސަތު ބަލަހައްޓަވާނީ މަޖިލިހުގައި މެދުކެނޑުމެއް ނެތި އެންމެ ގިނަ ދުވަސް ހޭދަކުރެއްވި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދެވެ.

އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިސް ސުޕާ މެޖޯރިޓީއާއެކު މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ކާމިޔާބުކޮށްފައިވާއިރު އެ ޕާޓީން ވަނީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ މަގާމަށް ހަމަޖައްސަވަން ނިންމަވާފައިވާ މެންބަރުން އިއުލާންކުރައްވާފައެވެ. އެގޮތުން އެ ޕާޓީން ވަނީ މަޖިލީހުގެ ރައީސަކަށް ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ހަމަޖައްސަވަން ނިންމަވާފައެވެ.