English Edition
Dhivehi Edition

މިހާރު ކުރިޔަށްދަނީ އައްޑޫ ޓާޝަރީ ހޮސްޕިޓަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ނާޒިލް ވިދާޅުވީ އައްޑޫ ޓާޝަރީ ހޮސްޕިޓަލް ހުޅުވަން އެކި ތާރީޚްތައް ދެމުންދާ ކަމަށެވެ. އެގޮތުން އޮގަސްޓް މަހު ވެސް އަދި ސެޕްޓެމްބަރ މަހާއި އޮކްޓޯބަރ މަހު ވެސް ހޮސްޕިޓަލް ހުޅުވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންނެވި ކަމަށާއި އެހެންކަމުން ހޮސްޕިޓަލް ހުޅުވޭނެ ސީދާ ތާރީޚެއް ވިދާޅުވެ ދެއްވުމަށް ނާޒިލް ވަނީ އެދިވަޑައިގެންފައެވެ.

އައްޑޫ ޓާޝަރީ ހޮސްޕިޓަލް ހުޅުވުމަށް ހަމަޖެހިފައިވާ ތާރީޚާގުޅޭ ގޮތުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރ އިބްރާހީމް ނާޒިލް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އަމީން ވިދާޅުވީ މިހާރު ކުރިއަށް ދަނީ ހޮސްޕިޓަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައްކަމަށެވެ. މި ގޮތުން އިކުއިޕްމެންޓްސްތައް މިހާރު ބެހެއްޓިފައިވާކަމަށާއި ތަނަށް ބޭނުންވާ މީހުން ނެގުމުގެ ބޮޑު ބައެއްވެސް ނިމިފައިވާކަމަށް މިނިސްޓާރ އަމީންވަނީ ވިދާޅުވެފައެވެ.

އައްޑޫގެ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ އިމާރާތުގެ މަސައްކަތް ނިންމައި، އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެލިއާ ކޮންސްޓްރަކްޝަނުން ހޮސްޕިޓަލް ސަރުކާރާ ހަވާލުކޮށްފައިވަނީ އޯގަސްޓަމަހުގެ ތެރޭގައެވެ.މިއީ ޖުމްލަ 171 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދީފައިވާ ލޯނެއްގެ އެހީގައި ހިންގި މަޝްރޫއެކެވެ. އެ ތަން ހުޅުވާނީ އައްޑޫ އިކްޓޯރިއަލް ހޮސްޕިޓަލްގެ ނަމުގަ އެވެ.