English Edition
Dhivehi Edition
  1. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އައްޑޫ ސިޓީއާ ފުވައްމުލަކުސިޓީއަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ހިތަދޫގައި ހުންނަ ކޮންވެންޝަން ސެންޓަރުގައި ތަރައްޤީކުރާ އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި އެތަނުގެ މަސައްކަތްތައް ކުރިއަށް ދާގޮތް ބައްލަވައިލައްވައިފިއެވެ.
ނައިބްރައީސް އީކްއެޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކުރެއްވުން: ފޮޓޯ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތުގައި ހޮސްޕިޓަލުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ހޮސްޕިޓަލުގެ ތަރައްޤީއާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

ނައިބްރައީސް އީކްއެޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކުރެއްވުން: ފޮޓޯ ރައީސް އޮފީސް

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ސަރުކާރުގެ ސިޔާސަތަކީ އަތޮޅުތަކުގައި ވެސް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ޤާޢިމުކުރުންކަން ފާހަގަކުރެއްވިއެވެ. އަދި އައްޑޫ ސިޓީގައި ޤާޢިމުކުރާ މި ހޮސްޕިޓަލަކީ އެންމެ ޒަމާނީ ވަޞީލަތްތަކާއެކު ޤާޢިމުކުރެވޭ ހޮސްޕިޓަލެއްކަމުން އެތަނަކީ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދޭ ތަނަކަށްވުމަކީ ސަރުކާރުގެވެސް ވަރަށް ބޮޑު އުންމީދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ މިތަނުން ޚިދުމަތްދޭ އިރު ބަލިމީހުންނާމެދު އޯގާތެރިކަމާ ހިތްހެޔޮކަމާއެކު ޚިދުމަތް ދެއްވުމަށް އެދިވަޑައިގެންފައެވެ

ނައިބްރައީސް އީކްއެޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކުރެއްވުން: ފޮޓޯ ރައީސް އޮފީސް

އައްޑޫގައި ހަދާފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އަންނަ ހަފުތާގައި ހުޅުވުމުގެ ތައްޔާރީތައް ވަމުންދާއިރު އަދިވެސް ބައެއް މަސައްކަތްތައް ނުނިމި ހުރުމުގެ ސަބަބުން ކަނޑައެޅިފައިވާ ދުވަހަށް މަސައްކަތް ނިއްމުމަށްޓަކައި ދަނީ ވަރަށް ބާރަށް މަސައްކަތް ކުރަމުންނެވެ.

މިހާރު ކުރިއަށްދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ދެމުން އަންނަ ހުރިހާ ޚިދުމަތެއް އައު ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަރްޙަލާއެވެ. އެގޮތުން މިއަދުވަނީ އައު ހޮސްޕިޓަލުގައި އިދާރީ ،މަސައްކަތާއި ފައިސާއާއި ބެހޭ މަސައްކަތުގެ އިތުރުން މެޑިކަލް ސެކްޝަން ފަށާފައެވެ.

ނައިބްރައީސް އީކްއެޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކުރެއްވުން: ފޮޓޯ ރައީސް އޮފީސް

އަންނަ އާދީއްތަ ދުވަހާއި ހަމައަށް އޯޕީޑީ، ލެބޯޓްރީ، އެކްސްރޭ، އަދި ފިޒިއޮތެރަޕީގެ އިތުރަށް އައްޑުއިން މިހާތަނަށް ލިބެންނެތް މުޅިން އާ ޚިދުމަތްތަކާއެކު ހޮސްޕިޓަލް ގެ މަސައްކަތް ފަށައިގަތުމަށް ޓަކައި ގިނަގުނަ ތައްޔާރީތައް ކުރަމުން އަންނަ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވައެވެ.

 

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫ ގައި ބޭއްވި ސާކް ސަމިޓަށް ތައްޔާރުކުރި ދަރުބާރުގެ ހޮސްޕިޓަލަކަށް ބަދަލުކޮށް އެންމެ ޒަމާނީ ވަސީލަތްތަކާއެކު އެތަން ފެށުމުގެ ހުރިހާ ތައްޔާރީތަކެއް ނިމި މެޝިންތައް އިންސްޓޯލް ކޮށް އޮޕަރޭޓް ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

“މެޝިންތައް އިންސްޓޯލްކޮށް، ކޮމިޝަން ކުރުމުގެ މަސައްކަތް ކުރަމުން މިހާރު އަންނަނީ. ތިއޭޓަރުގައި ވެސް ހިދުމަތް ދޭނީ އެންމެ ފަހުގެ ވަސީލަތްތަކާ އެކު،” ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާއި ޙަވާލުވެހުންނެވި ޝަރަފް ސާދާތުވިދާޅުވެފައެވެ.

ނައިބްރައީސް އީކްއެޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކުރެއްވުން: ފޮޓޯ ރައީސް އޮފީސް

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައިވަނީ ،ރާއްޖޭގެ އެހެން ހޮސްޕިޓަލްތަކާ ހިލާފަށް އޮކްސިޖަން ޕްލާންޓެއް ގާއިމްކޮށް ފުޅި ބޭނުންކުރުމުގެ ބަދަލުގައި ހޮސްޕިޓަލުގެ އެނދުތަކަށް އޮކްސިޖަން ގުޅައިފައިވެ އެވެ.

މާލެ އާއި ހުޅުމާލެ ފިޔަވައި ރާއްޖޭ އަތޮޅެއްގައި ގާއިމްކުރާ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލުގައި ޤާއިމް ކުރެވިފައިވާ ވަސީލަތްތަކުގެ ތެރޭގައި ބޮޑު އޮޕަރޭޝަން ތިއޭޓާ ކޮމްޕްލެކްސް އަކާއި އިމަޖެންސީ ތިއޭޓަރެއްގެ އިތުރުން ހޮސްޕިޓަލެއްގައި ހިމެނޭ ޒަމާނީ ސިއްޙީ ހުރިހާ ވަސީލަތެއް ހިމެނިފައިވެއެވެ.. އޭގެ ތެރޭގައި ކާޑިއޮލޮޖީ ޑިޕާޓްމަންޓަކާއި ރޭޑިއޮލޮޖީ އާއި ޑަޔަލިސިސް ޔުނިޓަކާއި އެންޑޯސްކޯޕީ އާއި ސައިކޭޓްރިކް ޑިޕާޓްމަންޓެއްގެ އިތުރުން،ގައިނީ ޑިޕާރޓްމަންޓެއް، ޒަމާނީ ފެންވަރަށް ހަދާފައިވާ އައިސީޔޫއަކާއި އަދި ސައިކޭޓްރިކް މީހުންނަށް ޚާއްސަ ވޯޑެއް ވަނީ ހަދާފަ އެވެ. މީގެ އިތުރުން، ކުޑަކުދިންނަށް ޚާއްސަ އެންއައިސީޔޫ އަކާއި އައިސޮލޭޝަން ހަތަރު ވޯޑާއި މޯޗަރީއެއް ވެސް ވަނީ އައްޑޫ އާ ހޮސްޕިޓަލްގައި ހަދާފަ އެވެ. ސްޕީޗް ތެރަޕީ އާއި ދަތުގެ ސާޖަރީ އާއި ލޮލަށް ލޭޒާގެ ފަރުވާ ދިނުމުގެ ޚިދުމަތާއި ލެބޯޓްރީ ޚިދުމަތްވެސް ހިތަދޫގައި ހުރި ހޮސްޕިޓަލުން ލިބޭނެ އެވެ.