އައްޑޫ ސިޓީގައި ގާއިމްކުރަމުންދާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ ފުރާޅުގެ ޓިނު ބަދަލުކޮށް އެޑްމިނިސްޓްރޭޓިވް އިމާރާތާއި މައި އިމާރާތުގެ ދެމެދުގައި ވޯކްވޭއެއް ހެދުމަށް ނިންމައިފިއެވެ.
މިއަދު މިނިސްޓްރީ އޮފް ފިނޭންސް އިން ކުރި އިއުލާންގައި ވިދާޅުވީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އެދިލެއްވުމުގެ މަތިން، ސ. ހިތަދޫގައި ޤާއިމްކުރާ ހޮސްޕިޓަލް އިމާރާތުގެފުރާޅުގެ ޓިނު ބަދަލުކޮށް އެޑްމިނިސްޓްރޭޓިވް އިމާރާތާއި މައި އިމާރާތުގެ ދެމެދުގައި ވޯކްވޭއެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. އަދި މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުޅުވުން 30 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 10:00 ގައި އެ މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި އޮންނާކަމަށް އުއުލާންގައިވަނީ ބަޔާންފައެވެ.
މީގެ އިތުރުން ބީލަމުގައި ބައިވެރިވުމަށް -/500ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެކަމަށާއި ފައިސާ ބަލައިގަންނާނީ 02 ޖުލައި2019 އިން 29 ޖުލައި 2019 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00އަށްކަމަށް އެ މިނިސްޓްރީންވަނީ ބުނެފައެވެ. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު” ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
އައްޑޫ ސިޓީ ކޮންވެންޝަން ސެންޓަރުގައި ހަދަމުންދާ 100 އެނދުގެ ހޮސްޕޓަލްގެ މަސައްކަތް މިހާރުވެސް ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު އެ ހޮސްޕިޓަލަށް ބޭނުންވާ ބައެއް މެޝިންތައްވެސް މިހާރުވަނީ އައްޑޫ ސިޓީއަށް ގެނެސްފައެވެ. އެ އިމާރާތްް ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް އެލިއާ ކޮންސްޓްރަކްޝަނާ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކުރީ ނޮވެމްބަރު 14، 2016 ގަ އެވެ.