ގައުމީ ދުވަސް ފާހަނގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަތަކަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުއްލަތީފް ރައްދު ދެއްވައިފިއެވެ.
ރައީސް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އިޔާޒް ވިދާޅުވީ ރައީސް ސޯލިހް ހުންނެވީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ދަށުގައި ތާށިވެފައިކަމަށެވެ. “ގަނޫނާއި ހިލާފްވެފައިވާ ޖަމިއްޔާއެއްގެ ދަށުވެފައި ހުންނަވައިގެން ދީނީ އިލްމުވެރިންނަށް އިލްތިމާޒް ފޮނުވިޔަސް މަނިކުފާނުގެ ޒިންމާއިން ރެކިވަޑައިގެންނެވުނީ ނޫން ކަމުގައި ހަނދާނުގައި ބަހައްޓަވާ. މަނިކުފާނު ވައުދުވެ ވަޑައިގަތް ގޮތަށް ކަންތައް ކޮށްދެއްވާ” އިޔާޒް ކުރެއްވި ޓުވިޓެއްގައި ވިދާޅުވިއެވެ.
މީގެ އިތުރުން ދީނީ އިލްމުވެރިންގެ ކިބައިން، ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމަށް އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވުމަށް އެދިވަޑައިގެން ރައީސް ދެއްކެވި ވާހަކައާއި ގުޅިގެން އިޔާޒް ވިދާޅުވީ ދީނީ އިލްމުވެރިންގެ ފަރާތުން އެއްވެސް ކަހަލަ ހުޅެއް ރޯވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި އިލްމުވެރިން މަސައްކަތްކުރަމުންދަނީ ގައުމުގެ ހަމަޖެހުމާއި އިސްތިގުލާލް ދެމެހެއްޓުމަށް ކަމަށެވެ. އިޔާޒް ވަނީ މިރާއްޖޭގެ އެންމެ އިސްވެރިޔާއަށް ދީނީ އިލްމުވެރިން ކުރައްވާ ބުރަ މަސްއޫލިއްޔަތު އޮޅިވަޑައިގެންފައިވާތީ ހިތާމަކުރައްވާކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން އިޔާޒް ވަނީ ބަޔަކު މީހުން ސިޔާސީ ހުޅު ރޯކުރަން ދަރު އަޅަނީ ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކުގެ ފަހަތު ފަޔަށް ބަރުވާތީ ކަމުގައި ވިދާޅުވެފައެވެ. “އެކަން އެ ގޮތަށް ވާނެކަމަށް ދީނީ އިލްމުވެރިންވަނީ ތަފާތު ގޮތްތަކަށް މަނިކުފާނަށް ދަންނަވާފަ”އިޔާޒް ވިދާޅުވިއެވެ. އިޔާޒު ވަނީ ގައުމުގެ ހަމަޖެހުމަށްޓަކައި ލަސްނުކޮށް އެމްޑީއެން އާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. “އަވަހަށް ފިޔަވަޅު އަޅުއްވާ. އޭރުން އެއްވެސް ބަޔަކަށް ސިޔާސީ ހުޅު ރޯލެއް ނުކުރެވޭނެ” އިޔާޒް ވިދާޅުވިއެވެ. އިޔާޒް ވިދާޅުވީ ފިތުނަ ފަސާދަ އުފެދުމަށް ދިމާވަނީ އިސްލާމްދީނުގެ އުސޫލުތަކާއި ހިލާފު ވުމުން ކަމުގެއެވެ. “ވީމާ އެކަން ނުކުރުމަށް ގޮވާ ނުލައްވަނީ ކީއްވެތޯ؟”އިޔާޒް ވަނީ ރައީސް އާއި ސުވާލުކުރައްވާފައެވެ.