English Edition
Dhivehi Edition
ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޒް އަބްދުއްލަތީފް - ފޮޓޯ: އަވަސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވަނީ ކީރިތި ގުރުއާނުގައި އަންގަވާފައިވާ ފަދަ، އަދި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ކުރެއްވި ފަދަ ހެޔޮ ވެރިކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކައިގައި އެއްވެސް ގޯހެއް ނެތްކަމަށް ދޭހަވާ މޭރުކަމުން، ޑރ.މުހައްމަދު އިޔާޒް ޓުވިޓްކުރައްވައިފިއެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކާއި ގުޅޭގޮތުން ކުރިއަށް ގެންދާ “ވިއަވަތި” ރާއްޖެ ކޮންފަރެންސުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ހެޔޮ ވެރިކަމެއްގަ ހުންނަންޖެހޭ އެންމެ މާތް, އެންމެ މަތިވެރި, އެންމެ މޮޅު, އެންމެ ވިދާ ބަބުޅާ ސިފައަކީ ފުރިހަމަ ސިފައިގަ އެންމެން އެކުގައި މަޝްވަރާކުރުން ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވަނީ ކީރިތި ގުރުއާނުގައި އަންގަވާފައިވާ ފަދަ، އަދި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ކުރެއްވި ފަދަ ހެޔޮ ވެރިކަމެއްކަމަށް އިމްރާން ވިދާޅުވިއެވެ.

މި ވާހަކަތަކާއި ގުޅިގެން ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންގެ ފާޑުކިޔުންތަކެއް އިމްރާންއަށް ރައްދުވެފައިވާއިރު ޑރ.އިޔާޒް ވަނީ އިމްރާންގެ ދިފާއުގައި ވާހަކަދައްކަވާފައެވެ. މި ގޮތުން ޑރ.އިޔާޒް ވިދާޅުވީ ހެޔޮ ވެރިކަމެއްގައި ހުންނަން ޖެހޭ ސިފަތައް ކީރިތި ޤުރުއާނުގެ އެންމެ އާޔަތެއްގައި ބަޔާން ކުރައްވާފައިވާ ކަމަށް ވިދާޅުވެ ސޫރަތުލް އާލް އިމްރާންގެ 159 ވަނަ އާޔަތް އިމްރާން ގެންނެވިކަމަށެވެ. “އިމްރާން ވިދާޅުވީ މިއާޔަތުގައި ވާފަދައިން ރައީސް ސޯލިހް މަޝްވަރާ ކުރައްވާ ކަމުގެ ހެއްކެކޭ މިއަދު އަޅުގަނޑުމެން އެންމެން މިތަނަށް އެއްވެސް މަޝްވަރާ ކުރަން މިތިބި ތިބުމަކީ” ޑރ.އިޔާޒް ވިދާޅުވިއެވެ.