English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫގެ އިރު އުތުރު ފަރާތް ވަރަށް ބޮޑަށް ގިރަމުންދާތީ އެ މައްސަލަ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އިންފްރާ ސްޓްރަކްޗަރ މިނިސްޓްރު، މުހައްމަދު އަސްލަމުގެ ސަމާލުކަމަށް ގެންނަވައިފިއެވެ.

އިއްޔެ މީދޫ ދާއިރާގެ މެމްބަރުން ރޮޒައިނާ އަދާމް މިނިސްޓަރ އަސްލަމްއަށް އެޑްރެސް ކުރައްވާ ފޮނުވި ސިޓީގައި ވިދާޅުވީ މީދޫގެ އިރު އުތުރު ފަރާތުން ހަލުވި ސްޕީޑެއްގައި ގިރަމުންދާ މައްސަލަ ފާއިތުވެދިޔަ އަހަރުތަކުގައި އެކިފަހަރު މަތިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރަށް ހުށަހަޅާފައިވާނެކަމަށެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ދުވަސްވަރުން ފެށުގެން ރައީސްގެ ސަމާލުކަމަށްވެސް އެ މައްސަލަ ގެނެސްފައިވާނެކަމަށް ރޮޒައިނާވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުން 2019 ވަނަ އަހަރުގެ ބަޖެޓްގައި އެ ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި ސާވޭ ހެދުމަށް ހިމަނާފައިވާކަން ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ މިހާރުން މިހާރަށްވެސް އެ ސަރަހައްދަށް ވަގުތީ ހައްލެއް ބޭނުންވާކަމަށެވެ. 2020 ވަނަ އަހަރު ސަވޭ ނިމި އަމަލީ މަސައްކަތް ފެށޭނެ ކަމަށް މިނިސްޓްރީން ވިދާޅުވެފައިވާކަން ފާހަގަކުރައްވަމުން ރޮޒައިނާވަނީ މިހާރުން މިހާރަށް ހައްލެއް ނުލިބިއްޖެނަމަ އެ ސަރަހައްދުން ދުއްވަން އޮންނަ މަގުވެސް މި އަހަރު ނިމެންވާއިރަށްވެސް އޮންނާނެކަމުގެ ޔަގީންކަމެއް ނެތްކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މިހާރުން މިހާރަށްވެސް އެ ސަރަހައްދަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ރޮޒައިނާވަނީ އެދިވަޑައިގެންފައެވެ.

ނިމިދިޔަ ސަރުކާރުން ވެސް މީދޫ ގެ ގިރާ ސަރަހައްދުގައި، އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓު ލޯނުގެ އެހީގައި ބޮޑު ހިލަޖެއްސުމައް ނިންމަފައިވާކަމަށް އޭރުވަނީ ބުނެފައެވެ. އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓުން ރާއްޖެއަށް 40 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ވަނީ ދީފައެވެ. 2018 ވަނަ އަހަރު އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް ނިމިދިޔަ ސަރުކާރުގެ ހައުސިންގް މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް މިއަދާއި ހަމައަށްވެސް އެ ޕްރޮޖެކްޓުގެ އެއްވެސް އަމަލީ މަސައްކަތެއް ފެށިފައެއް ނުވެއެވެ.