ޓުވިޓާގައި ޝަހިންދާއަށް މަރުގެ އިންޒާރު ދިންކަމަށް ބުނެ ރޭ ފުވައްމުލަކުން ހައްޔަރު ކުރި އަލީ ރަވާއު ގެ ބަންދަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން 5 ދުވަސް ޖަހައިފިއެވެ.
އުމުރުން 19 އަހަރު ރަވާއުގެ ބަންދަށް 5 ދުވަސް ޖަހާފައިވަނީ އޭނާ ކުރި ރީޓުވިޓެއްގައި “އޭނާ މަރާލަން ފަހެއް ނުޖެހޭނެ” ކަމަށް ބުނެ ކުރި ޓުވިޓަކާއި ގުޅިގެންނެވެ. ރަވާއުގެ ބަންދަށް 15 ދުވަސް ޖަހާ ދިނުމަށް ފުލުހުން އެދިފައިވީ ނަމަވެސް، ގާޒީ އޭނާގެ ބަންދަށް ޖަހާދީފައިވަނީ 5 ދުވަހެވެ. ‘ މި މައްސަލަ އާއި ގުޅިގެން ފުލުހުން ވިދާޅުވީ، މަރުގެ އިންޒާރު ދީ މުޖުތަމައުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަނިޔާވެރި ކަމަށް ސޯޝަލް މީޑިއާގައި ހިތްވަރު ދެމުންދިޔަ މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.ފުލުހުން ވިދާޅުވީ މިހާރު އެ މައްސަލަ ތަހުޤީގުކުރަމުން އަންނަ ކަމަށެވެ. އޭއޯ ނިއުސް’އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރަވާއުގެ ޓުވިޓާ އެކައުންޓްވެސް މިހާރުވަނީ ޑީއެކްޓިވޭޓްކޮށްލާފައެވެ.

މްޑީއެން އިން ނެރުނު ރިޕޯޓުގައި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަކުރި މައްސަލައިގައި އެ ޖަމިއްޔާ އުވާލުމަށް ގިނަ ބަޔަކުދަނީ ގޮވާލަމުންނެވެ. މީގެ ކުރިންވެސް އެމްޑީއެންގެ އެގްޒެކެޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާއިލްގެ ފޮޓޯއެއް ފޭސްބުކަށް ލުމުން ޒުވާނަކު ވަނީ ހައްޔަރުކޮށްފައެވެ. އައިއެސް އިން މީގެ ކުރިން އާއްމު ކުރި ފޮޓޯއެއް ޝަހިންދާގެ މޫނު ފެންނަ ގޮތައް އެޑިޓްކޮށް އެފޮޓޯ ފޭސްބުކްގައި އާއްމުކުރުމާއި ގުޅިގެން ހައްޔަރުކޮށްފައިވާ ޝަމްއާނުގެ މައްސަލަވެސް ފުލުހުން އަންނަނީ ތަހުޤީގުކުރަމުންނެވެ