މާލޭގެ ބާޒާރުގައި ކުކުޅުބިސް ލިބުން ދަތިވެ، އާންމު ބައެއް ފިހާރަތަކުން ބިސް ވިއްކުން ކޮންޓްރޯލް ކޮށްފައިވީ ނަމަވެސް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގައި ބިހުގެ ސްޓޮކް އެބަހުރި ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ބާޒާރުން ބިސް ލިބުން ދަތިކަމަށް ބުނެ، މާލެ ސަރަހައްދުގެ ބައެއް ފިހާރަތަކުން މިހާރު މީހަކަށް ވިއްކަމުން ދަނީ 10 ބިސް ނުވަތަ 20 ބިހެވެ. އަދި ބައެއް ތަންތަނުން ގިނަވެގެން މީހަކަށް ވިއްކަނީ ބިސް ޓްރޭއެކެވެ. މިކަމާ ގުޅިގެން އެސްޓީއޯ އިން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، ރާއްޖެއަށް ބޭނުންވާ ވަރަށް އެ ކުންފުނީގެ ގުދަންތަކުގައި ބިސް ލިބެން އެބަހުއްޓެވެ. އަދި އެސްޓީއޯ އިން ބިސް ވިއްކަނީ ކޮންޓްރޯލްކޮށްގެން ނޫން ކަމުގެ ޔަގީންކަން އެ ފަރާތުން ދެއެވެ.
ރައްޔިތުންނަށް ކާބޯތަކެތި ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، އަސާސީ މުދަލުގެ ލިސްޓަށް އިތުރު 23 ބާވަތެއް މިފަހުން ވަނީ އިތުރުކޮށްފައެވެ. މީގެއިތުރުން، ދިގު ރާސްތާގައި ރާއްޖޭގެ ފުޑް ސެކިއުރިޓީ ޔަގީންކުރުމަށްޓަކައި، އެސްޓީއޯ މެދުވެރިކޮށް ރާއްޖޭގައި ކުކުޅު އާލާކުރުމުގެ މަސައްކަތާއި، ރާއްޖެއިން ބޭރުން ދަނޑުވެރިކަމަށް ބިން ހޯދުމުގެ ވިސްނުން ގެންގުޅުއްވާކަން އިކޮނޮމިކް މިނިސްޓަރު ވަނީ ކުރިން ހާމަކުރައްވާފައެވެ.