English Edition
Dhivehi Edition

1980 ގެ އަހަރުތަކުގައި ބޮލީވުޑަށް ތައާރަފްވި ‘ބޮލީވުޑްގެ ރަސްގެފާނު’ ޝާހުރުކް ޙާން އަކީ އެންމެންގެ ލޯތްބާއި ގަދަރު ލިިބިފައިވާ ތަރިއެކެވެ. އިންޑިއާގެ ސަރުކާރުން އަރުވާ އެންމެ ޝަރަފުވެރި އެއް އެވޯޑްކަމުގައިވާ ޕަދްމާ ޝްރީ އެ ވޯޑް ހާސިލްކޮށްފައިވާ ޝާހު ވަނީ ފިލްމީ ދާއިރާގައި ކާމިޔާބު މީހަކަށްވުމަށްޓަކައި އޭނާ އާއި ދިމާވި ދަތި އުދަގޫ ދުވަސްތަކުގެ ވާހަކަ މީޑިއާ އާއި ހިއްސާކޮށްފައެވެ.

މި ގޮތުން ފިލްމީ މަސައްކަތް ފަށައިގެން މާ ގިނަ ދުވަހެއް ނުވެ އޭނާއާއި ބެހޭ ގޮތުން ލިޔަން ފެށި ހަބަރުތަކުގެ ސަބަބުން ޖަލަށްދާން ޖެހުނު ވާހަކަ ވެގެން ދިޔައީ ގިނަ ބަޔަކު ހައިރާންކުރުވި ވާހަކައަކަށެވެ.އެ ހާދިސާއާއި ބެހޭ ތަފްސީލުދެމުން ޝާހު ބުނީ މެގަޒިންއެއްގައި އޭނާއާއި ބެހޭ ގޮތުން ލިޔުނު ހަބަރަކާއި ގުޅިގެން ވަރަށް ބޮޑަށް ހިތްހަމަނުޖެހުނުކަމަށެވެ. “އޭރު ލިޔަނީ މެގަޒިންތަކުގަ ހުރިހާ ހަބަރެއް. ދެން އަހަންނާއި ބެހޭ ގޮތުން ލިޔުނު ހަބަރަކާއި ގުޅިގެން ވަރަށް ހިތްހަމަނުޖެހުމުން ވަގުތުން ނޫހުގެ އެޑިޓަރަށް ގުޅީ. އަދި އެ ހަބަރާއި ބެހޭ ގޮތުން ސުވާލުކުރުމުން އެޑިޓަރުގެ މާ ބޮޑު އެއްބާރުލުމެއް ނުލިބުނު. އެހާ ހިސާބުން ރުޅި އައިސްގެން އެތަނަށް ގޮސް ވަރަށް ހަޑިކޮށް ކަންތައްކުރެވުނީ”ޝާހު ބުންޏެވެ.

މީގެ އިތުރުން ޝާހު ބުނީ އޭގެ ފަހުން އޭނާ ޝޫޓިންއެއްގައި ހުއްޓާ، އެ މައްސަލައިގައި ޕޮލިހުން އައިސް އޭނާ އާއި ސުވާލުކޮށް ޖަލަށް ގެންދިޔަ ކަމަށާއި އެތަންވީ އޭނާއަށް ވަރަށް ބޮޑު ވޭނަކަށް ކަމަށެވެ. “އަހަރެން އާދޭސްކޮށްފަ ބުނިން ބޭރަށް ނެރެދޭށޭ. ދެން ދުވަހަކުވެސް އެ ފަދަ އަމަލެއް ނުހިންގާނަމޭ. “ޝާހު ބުންޏެވެ.

މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު ތަރި ޝާހު ވަނީ މީގެ އިތުރުންވެސް އޭނާގެ ދިރިއުޅުމުގައި ދިމާވި މުހިއްމު އެތައް ވާހަކަތަކެއް މި އިންޓަވިއުގައި ބެލުންތެރިންނާއި ހިއްސާކޮށްފައެވެ. މި ގޮތުން އޭނާގެ ދަރިފުޅު ސުހާނާ މީހަކާއި ރައްޓެހިވެގެން އުޅޭ ކަން އެގުމުން އަމަލު ކުރި ގޮތުގެ ވާހަކަވެސް ޝާހުވަނީ ހިއްސާކޮށްފައެވެ.