English Edition
Dhivehi Edition

މިއަދަކީ ބޮލީވުޑްގެ ރަސްގެފާނުގެ ނަމުން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ މަޝްހޫރު ތަރި ޝާހުރުކް ޙާން ގެ 57 ވަނަ އުފަން ދުވަހެވެ، 2 ނޮވެމްބަރު 1965 ވަނަ އަހަރު އުފަންވި ޝާހު އޭނާގެ ފުރާވަރުގެ ދުވަސްތައް ހޭދަކޮށްފައިވަނީ ނިއު ދިއްލީގެ ކައިރި ހިސާބެއްކަމުގައިވާ ރާޖެންދްރަ ނަގަރްގައެވެ.

އިންޑިއާގެ މުސްލިމް އާއިލާއަކަށް އުފަންވި ޝާހު އެންމެ ފުރަތަމަ ފެނިގެން ދިޔައީ ޓީވީ ޑްރާމާތަކުންނެވެ، 1980 ވަނަ އަހަރު ޓީވީ ތަރިއެއްގެ ގޮތުގައި ފެނިގެން ދިޔަ ޝާހުގެ ނަސީބު އަތުގައި ހިފީ 1992 ވަނަ އަހަރު އޭނާ ކުޅުނު ފުރަތަމަ ފިލްމު ‘ދީވާނާ’އިންނެވެ. އެ ފިލްމަށް ފަހު، ޝާހުއަށް ގިނަ ފުރުސަތު ތަކެއް ލިބިގެން ދިޔައިރު 1993 ވަނަ އަހަރު ބެލުންތެރިންނާއި ހަމައަށް ޝާހު ގެނެސްދިން ފިލްމަކީ ‘ބާޒީގަރް’ އާއި ‘ޑަރް’ އެވެ.

ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދި މި ފިލްމުތަކާއެކު 1995 ވަނަ އަހަރުން ފެށިގެން ޝާހު ފެނިގެން ދިޔަ ގިނަ ފިލްމުތަކަކީ ލޯބީގެ ފިލްމުތަކެވެ. ‘ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭނގޭ’ ‘ދިލް ތޯ ޕާގަލް ހޭ’ ‘ކުޗް ކުޗް ހޯތާހޭ’ ‘މޮހާބަތޭން’ އާއި ކަބީ ހުށީ ކަބީ ގަމް’ އަކީ އަދިވެސް ބެލުންތެރިންގެ ހިތުން ޖާގަ ހޯދާފައިވާ އެ ފަދަ ދެވަނަ އެއް ނެތް ފިލްމުތަކެވެ،

ފިލްމީ މަސައްކަތުގައި އަބަދުވެސް ބުރަކޮށް މަސައްކަތްކުރަމުން އަންނަ ޝާހު ވަނީ މިހާތަނަށް 80 އަށްވުރެ ގިނަ ފިލްމު ކުޅެފައެވެ. އިންޑިއާ ސަރުކާރުން ދެމުން އަންނަ އެންމެ ޝަރަފުވެރި އެއް އެވޯޑްކަމުގައި ވާ ޕަދްމާ ޝްރީ އެވޯޑްވެސް ހާސިލްކޮށްފައިވާ ޝާހު އަށް އިންޑިއާގެ ފިލްމީ ދާއިރާގައި ނުލިބޭ އެވޯޑެއް ނެތެވެ. ފިލްމު ކުޅުމުގެ އިތުރުން ކެމެރާގެ ފުރަގަހުގައިވެސް މަސައްކަތްކުރަމުން އަންނަ ޝާހު އަކީ އޭނާ ކުރާ ކޮންމެ މަސައްކަތެއްވެސް ވަރަށް ކާމިޔާބުކަމާއެކު ނިންމާލުމަށް މަސައްކަތްކުރާ ތަރިއެކެވެ.