English Edition
Dhivehi Edition

އިޖްތިމާއީ ދާއިރާ، ސިއްޙީ ދާއިރާ، މަސައްކަތްތެރިކަމުގެ ދާއިރާ އަދި ތައުލީމީ ދާއިރާއިން އައްޑޫ ސިޓީ މީދޫ އަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް އެ ފަރާތްތަކަށް މީދޫ އެކުވެރިންގެ ޗޭނު (އެމްއީސީ) އިން ހަނދާނީ ފިލާ އަރުވައިފިއެވެ.

ރޭ ސ.އަތޮޅު މަދަރަސާގައި ބޭއްވި އެ ޖަމްމިއްޔާގެ 9 ވަނަ އަހަރީ ދުވަހާއި އެވޯޑް ދިނުމުގެ ހަފްލާގައި މި އެ ވޯޑުތައް ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާނާ މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާރމެންޓްގެ ކޮމިއުނިޓީ އެމްޕަވާރމެންޓް ކޮންސަލްޓެންޓް ފާތިމަތު ޝެހެޒިނީއެވެ. މި އަހަރު އެމްއީސީ އިން ހިދުމަތުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ އަރުވާފައިވަނީ:

  • ސިއްޙީ ދާއިރާއަށް ދިގު މުއްދަތަކަށް ހިދުމަތްކުރުމުގެ ރޮގުން: އާމިނަތު މުހައްމަދު ދީދީ، ބަންޑާރަދަޑިގެ/ސ.މީދޫ

އާމިނަތު މުހައްމަދު ދީދީ އަކީ 1978 ވަނަ އަހަރުން ފެށިގެން ސިއްޙީ ދާއިރާއަށް ހިދުމަތްކުރެއްވުމުގައި ގިނަގުނަ ބުރަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަނބަލެކެވެ. ކޮމިއުނިޓީ ހެލްތްވޯކަރެއްގެ މަގާމުން ސިއްހީ ދާއިރާއަށް ނިކުމެވަޑައިގަތް އާމިނަތު މުހައްމަދު ދީދީ ވަނީ 05 އަތޮޅެއްގެ މެޓާރލިޓީ ރޭޓް ދަށްކުރުމުގެ އިތުރުން ފޫޅުމައިން ތަމްރީން ކުރެއްވުމުގެ މަސައްކަތްކުރައްވާފައެވެ. ބަގްލަދޭޝް އިން ސިއްޙީ ދާއިރާގެ ތަމްރީންތައް ހޯދައްވާފައިވާ އާމިނަތު މުހައްމަދުދީދީ ވަނީ ފޫޅުމާ ކޯހާއި ފެމެލީ ހެލްތް ވޯކަރުން ތަމަރީން ކުރުމުގެ ގިނަ ކޯސްތަކެއް ކުރިއަށް ގެންގޮސް ގިނަ ބަޔަކު އެ ދާއިރާއަށް ތަމްރީން ކުރައްވާފައެވެ. 35 އަހަރު ދުވަހު ސިއްޙީ ދާއިރާއަށް ހިދުމަތްކުރައްވާފައިވާ އާމިނަތު މުހައްމަދުދީދީ ވަނީ ހުޅުމީދޫ ސިއްޙީ މަރުކަޒު ހިންގެވުމުގެ މަސްއޫލިއްޔަތާއި ޒިންމާވެސް ފުރިހަމައަށް އަދާކުރައްވާފައެވެ.

  • މަސައްކަތްތެރިކަމުގެ ދާއިރާއިން: އައިޝަތު މުހައްމަދު، އާކުރި، ސ.މީދޫ

އައިޝަތު މުހައްމަދު އަކީ ވަގުތު ބޭކަރު ގޮތުގައި ހޭދަކުރުމުގެ ބަދަލުގައި އަމިއްލަ ފައި މައްޗަށް ތެދުވެ، ގޭތެރޭގެ ހަރަދުތައް އަމިއްލަ މަސައްކަތުން އެއްވެސް ދަތިކަމަކާ ނުލާ ބެލެހެއްޓުމުގެ ވަރުގަދަ އަޒުމާއެކު މަސައްކަތްކުރަމުންދާ ހީވާގި ކަނބަލެކެވެ. މަސް ކެއްކުމާއި، ހަވާދު ހެދުމާއި، ތަފާތު ވައްތަރު ތަކުގެ ދިވެހި ކާނާ ތައްޔާރުކުރުމުގައި އައިޝަތު ދީދީ އަކީ ކުޅަދާނަ މޮޅި ކަނބަލެކެވެ. މެދު ކެޑުމެއްނެތި މި މަސައްކަތްކުރާތާ 15 އަހަރުވީ އައިޝަތު ދީދީގެ އެންމެ ބޮޑު އުއްމީދަކީ އަމިއްލަ މަސައްކަތުން ނަފާލިބި ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމެވެ

  • އިޖްތިމާއީ ދާއިރާއިން: ޝިޔާސާ ރަޝީދު، ނަރުގިސް، ސ.މީދޫ

ޝިޔާސާ ރަޝީދު އަކީ އުމުރުން 17 އަހަރުން ފެށިގެން ރަށުގެ އިޖްތިމާއީ މަސައްކަތުގައި ހަރަކާތަތްތެރިވަމުންދާ ހިދުމަތްތެރި ހިތްވަރުގަދަ ކަނބަލެކެވެ. ރަށުގެ ކޮންމެ ޖަމްމިއްޔާ ޖަމާއަތަކުން އިޖްތިމާއީ މަސައްކަތެއް ކުރިކަމުގައިވީ ނަމަވެސް އެ ފަރާތަކަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވާ ޝިޔާސާ އަކީ ތިމާވެށި ހިމާޔަތްކުރުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަނބަލެކެވެ. ތައުލީމީ ދާއިރާގައި ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވާފައިވާ ޝިޔާސާ އިޖްތިމާއީ މަސައްކަތަށް ޝައުގުވެރިކަން އުފެދުނީ އައިލާ މެމްބަރުން އިޖްތިމާއީ މަސައްކަތުގައި އުޅޭތަން ފެނިގެންނެވެ.

  • ތައުލީމީ ދާއިރާއިން: ފާތުމަތު ފަރުހާދު. ޒިޔާރަތްދޮށުގެ، ސ.މީދޫ

1990 ވަނަ އަހަރުން ފެށިގެން ކުދިންނަށް އިލްމު އުގަންނައި ދިނުމުގެ މަސައްކަތުގައި އުޅުއްވާ ފަރުހާދު އަކީ ތައުލީމީ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކޮށްދެއްވާފައިވާ ކަނބަލެކެވެ. 1990 ވަނަ އަހަރު ސ.އަތޮޅު މަދަރަސާގެ ހިސާބު ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ފަރުހާދު ވަނީ 1993 ވަނަ އަހަރު ޕާރޓް ޓައިމް އަންޓީއެއްގެ ގޮތުގައި ޕްރީ ސްކޫލްގައި މަސައްކަތްކުރައްވާފައެވެ. އެހާ ހިސާބުން ތުއްތު ކުދިންނަށް ތައުލީމު ދިނުމަށް އުފެދުނު ޝައުގާއެކު 1997 ވަނަ އަހަރު ފަރުހާދުވަނީ ޕްރީ ސްކޫލް ޓީޗިން ހަދާފައެވެ.