English Edition
Dhivehi Edition

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނު ކޮށްދިނުމަށް އެދި ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު އަދި ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރު ގެ ނަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޓިވިޓެއްގައި ވިދާޅުވީ ޤާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވާނެ ބޭފުޅެއް ކަނޑައެޅުމަށް ގދ.މަޑަވެލި، މޭނާ އޛ. މަޙާޒު ޢަލީ ޒާހިރު އާއި ސ.ހުޅުދޫ، ގޯރަންވިލާ އޛ. ފާޠިމަތު ދިޔާނާ ސައީދުގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާނެކަމަށެވެ. ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށް ފަހު ޖޭއެސްސީއިން ރައީސްއަށް “ހައިލީ ރިކޮމެޑް” ކޮށްފައިވަނީ ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދާއި، ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރު ސުޕްރީމް ކޯޓަށް އައްޔަނުކުރުމަށް ފެންނަ ކަމަށެވެ.މީގެ އިތުރުން ދެން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފަނޑިޔާރު މުހައްމަދު ނިޔާޒް ، ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރަކީ “ރިކޮމެންޑެޑް” ބޭފުޅުން ކަމަށް ވެސް ޖޭއެސްސީ އިން ވަނީ ލަފާ އަރުވައިފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަންކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިންނެވެ.ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަނުކުރާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު އެ މަޖިލީހުން ރުހުން ހޯދުމަށްފަހުއެވެ.