މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އަނބުރާ ދައްކަވާ ގޮތަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަތުން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމު ދަރަންޏަށް ނެންގެވި ފައިސާގެ ތެރެއިން ބައެއް، ރައީސް މައުމޫންގެ ފަރާތުން ހަވާލުވެވެވަޑައިގަތީ އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ކަމަށާއި އެ ފައިސާ މައުމޫނަށް ލިބިވަޑައިނުގަންނަވާ ކަމަށް ވިދަޅުވާތީ، ފާރިސް މައުމޫން އެ ފައިސާއަށް ހިޔާނަތްތެރިވެފައިވާ ކަމަށް ބުނެ ފާރިސް މައުމޫންގެ މައްސަލައެއް މެމްބަރު ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ފުލުހަށް ހުށަހަޅައިފިއެވެ.
ރައީސް މައުމޫން ޖާބިރު އަތުން 29 މިލިއަން ރުފިޔާ ނެންގެވި ކަމަށް ޖާބިރު ވިދާޅުވެފައިވާއިރު އެ މައްސަލަ ޖާބިރު ވަނީ 2019 ވަނަ އަހަރު ސިވިލް ކޯޓަށްވެސް ހުށަހަޅާފައެވެ. ޖާބިރުގެ އަތްޕުޅުން ރައީސް މައުމޫން 29 މިލިއަން ރުފިޔާ ނަންގަވައި އެ ފައިސާ ފަހުން އަބުރާ ނުދައްކަވާ ކަމަށް ޖާބިރު ތަކުރާރުކޮށް ވިދާޅުވެފައިވާއިރު ދިޔާނާ ވިދާޅުވީ އެ ފައިިސާ ހޯއްދެވީ ސިޔާސީ މަސައްކަތްތަކެއް ކުރުމަށް ކަމަށް ބުނެކަމަށާއި އޭގެ ތެރެއިން ބޮޑުބައި ހަވާލުކުރީ ފާރިސް މައުމޫން އާއި ކަމަށެވެ. އަދި ޖާބިރުގެ ފަރާތުން އެ ފައިސާ ފާރިސް އާއި ހަވާލުކުރެއްވީ ދިޔާނާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އިތުރަށް ދިޔާނާ ވިދާޅުވީ ފައިސާ ހަމަޖައްސަން ރައީސް މައުމޫނާއި، ޖާބިރު އަދި ފާރިސް ބޭއްވި ބައްދަލުވުމުގައި އޭނާވެސް ބައިވެރިވިކަމަށާއި، ފައިސާގެ ގެރެންޓީއެއްގެ ގޮތުގައި ކިނބިގަސްދޮށުގޭގެ ރެޖިސްޓްރީ ބޭއްވުމަށް މައުމޫން ހުށަހެޅުއްވި ކަމަށެވެ. އެހެން ނަމަވެސް ގެރެންޓީއެއްގެ ގޮތުގައި މައުމޫނުގެ ބަސްފުޅު ފުދޭކަމަށް ވިދާޅުވެ ޖާބިރު ގެރެންޓީ ނުހޯއްދަވާކަމަށް ދިޔާނާ ވިދާޅުވިއެވެ. އެހެން ކަމުން، އެ ފައިސާ ރައީސް މައުމޫނަށް ލިބިވަޑައިނުގަންނަވާނަމަ، އެ ފައިސާ އަށް ފާރިސް ހިޔާނާތްތެރިވެފައި ކަމަށް ދިޔާނާ ވިދާޅުވެފައިވާއިރު މި މައްސަލަ ދިޔާނާ ފުލުހަށް ހުށަހެޅުއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އެޑްރެސް ކުރައްވައި ފޮނުއްވި ސިޓީއެއްގައެވެ. އިތުރަށް ދިޔާނާ ވިދާޅުވީ މި މައްސަލަ ސާބިތު ކުރުމަށް ބޭނުންވާ ހެކިވެސް ހުށަހަޅުއްވާނެކަމަށެވެ.