English Edition
Dhivehi Edition

ރައްޔަތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުޅުދޫ ރައްޔަތުންނާއި ބައްދަލުކުރައްވައިފިއެވެ.

ބުރާސްފަތިދުވަހުގެރޭ ހުޅުދޫ ސްކޫލްގައި ބޭއްވި މި ބައްދަލުވުމުގައި ހުޅުދޫ ކައުންސިލަރު އިބްރާހިމް ޝުކުރީ ގެ އިތުރުން އެމްޕީއެލްގެ އެމްޑީ ޝާހިދު އަލީ ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ހުޅުދޫ މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ ރައްޔަތުން ބައިވެރިވި މި ބައްދަލުވުމުގައި އިލްޔާސްވަނީ ހުޅުދޫގެ ތަރައްޤީގެ ޕްލޭނާއި ބެހޭ ގޮތުން ވާހަކަދައްކަވާފައެވެ. މި ގޮތުން އިލްޔާސް ވަނީ ހުޅުދޫ އާއި މީދުން ގެސްޓް ހައުސް ހެދުމަށް ބިންދޫކުރުމާއި، ފެނާއި ނަރުދަމާގެ މައްސަލަތަކުގެ އިތުރުން ހެރަތެރެ ރިސޯޓްގެ ކަންތައްތަކާއިބެހޭގޮތުން ވާހަދައްކަވާފައެވެ. މީގެ އިތުރުން އައްޑޫގެ ތަރައްޤީގެ ޕްލޭނާއި ގުޅިގެން ކުރަން ނިންމާފައިވާ ގިނަ ކަންތައްތަކަށް މި ބައްދަލުވުމުގައި އިލްޔާސްވަނީ ވާހަކަދައްކަވާފައެެވެ.

މި ބައްދަލުވުމުގައި ރައްޔަތުންގެ ޝަކުވާތަކާއި ސުވާލުތައް އިލްޔާސްއަށް ހުށަހަޅާފައިވާއިރު މި ބައްދަލުވުމަށްފަހު އިލްޔާސްވަނީ ވަކިވަކިން ރައްޔަތުންނާއި ބައްދަލުކޮށް ކަންބޮޑުވުންތައް އޮޅުންފިލުވާފައެވެ.

އިލްޔާސް ހުޅުދޫ ރައްޔިތުންނާއި ބައްދަލުކުރައްވާފައިވާއިރު ބުދަދުވަހުގެރޭ އިލްޔާސް ގެ އޮފީހެއްވަނީ ހުޅުދޫގައި ހުޅުވަފައެވެ. މިއޮފީސް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެދުނު 10:00 ން 12:00 އަށް ހުޅުވާގޮތައްވަނީ ހަމަޖެހިފައެވެ.