English Edition
Dhivehi Edition

ޓުއަރިޒަމް ޒޯންގެ ގޮތުގައި ފަސްގަނޑުތަކެއް ހަދާފައި، ތަރައްގީއޭ ބުނުމުން ދެން ޓޫރިސްޓުން އަންނަންވީ އެ ފަސްގަނޑު މައްޗަށް ތޯ ވިދާޅުވެ ‘ދަ ޑިމޮކްރެޓްސްގެ’ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަސް އަހަރު ނިމެން އަންނަ އިރު ހަމައެކަނި ބިން ހިއްކުމުގެ މަސައްކަތް ކުރެވިފައިވާތީ އެކަަމަށް ފާޑުވިދާޅުވަމުން އިލްޔާސް ލަބީބް ވަނީ މި ސަރުކާރުން އައްޑޫގައި ފަށާފައިވާ ޕްރޮޖެކްޓްތައް ފަސް އަހަރުވި އިރުވެސް އަމަލީ މަސައްކަތް ފެށިފައި ނުވާކަމަށެވެ. އަދި މި ހުރިހާ ޕްރޮޖެކްޓެއް ޑެމޮކްރެޓުންގެ ސަރުކާރެއްގައި ދެ އަހަރު ތެރޭގައި ނިންމާލާނެކަމަށް އިލްޔާސް ވިދާޅުވިއެވެ.

‘ދަ ޑިމޮކްރެޓްސް’ އިން އައްޑޫ ސިޓީ އާއި މެދު ގެންގުޅުއްވާ ސިޔާސަތުތައް ހާމަކުރަމުން އިލްޔާސް ވިދާޅުވީ އައްޑޫގައި އިގުތިސޯދީ ހަރަކާތްތައް ހިންގުމަށް، ޑިމޮކްރެޓްސްއިން ތައާރަފުކޮށްފައިވާ ފަސޭހަ ވިޔަފާރި ސިޔާސަތު މެދުވެރިކޮށް އައްޑޫގެ ޒުވާނުންނަށް ޓުއަރިޒަމް ވިޔަފާރި އުފައްދަން ޖާގަ ދެވޭނެކަމަށެވެ. އަދި އައްޑޫގައި ޓުއަރިޒަމް ވިޔަފާރި ކުރަން ބޭނުންވާ މީހުނަށް، ފަސޭހައިން ފައިސާ ލިބޭނެކަމަށެވެ.

“ބިޒްނަސް ޕްލޭން ހުށަހެޅުމުން އޭގައި މައްސަލައެއް ނެތް ނަމަ 15 ދުވަހުގެ ތެރޭގައި އެ ފައިސާ ހަމަޖައްސައިދޭނެ، އެއްވެސް ރަހުނެއް ބޭނުމެއް ނުވާނެ،” އިލްޔާސް ވިދާޅުވިއެވެ.

މީގެއިތުރުން އިލްޔާސްވަނީ އެ ޕާޓީގެ ވެރިކަމެއްގައި އައްޑޫގައި ފަށާ ޓުއަރިޒަމް ވިޔަފާރިއަކުން ފުރަތަމަ ތިން އަހަރު ޓީޖީއެސްޓީ ނުނަގާނެކަމަށް ވައުދުވެ ވަޑައިގެންފައެވެ. އަދި ފުރަތަމަ ތިން އަހަރަށް ފަހު ވެސް އިތުރު ހަތް އަހަރު ދުވަހަށް ނަގާނީ ޓީޖީއެސްޓީގެ ދެބައިކުޅަ އެއްބައި އުނިކޮށްފައި ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިތުރަށް އިލްޔާސް ވިދާޅުވީ ސިޔާސީ މަސައްކަތް އާ ޖީލަށް މިހާރު ހަވާލުކުރަން ޖެހިފައިވާ ކަމަށެވެ.