ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ދިފާޢީ ހެއްކެއްގެ ގޮތުގައި އެމަނިކުފާނުގެ ފަރާތުން ހުށަހެޅި އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމް ޔާމީނާއި އެއްކޮޅަށް ހެކިބަސް ދޭން ދެކޮޅު ހައްދައިފިއެވެ.
ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ އެ ޝަރީއަތުގެ މަޖިލީހުގައި، މައްސަލަ ބައްލަވާ ގާޒީ އަހްމަދު ހައިލަމް ވިދާޅުވީ، ދިފާއީ ހެއްކެއްގެ ގޮތުން ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި އަޒީމާ އާދަމް، ހެކިބަސް ދެވެން ވަޑައިގެންނެވެން ނެތް ކަމަށް ބުނެ އެ ކޯޓަށް މިއަދު ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. އަޒީމާ ކޯޓަށް ފޮނުވި ސިޓީގައި ވިދާޅުވީ ވަޒީފާ އަދާކުރަމުން ދަނީ ރާއްޖެއިން ބޭރުގައި ކަމަށްވާތީ ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތަށް ކޯޓަށް ހާޒިވެވެން ނެތް ކަށެވެ. އަދި އެ މައްސަލައިގައި ހެކިވެރިޔާ ނުވަތަ އަޒީމާގެ ފަރާތުން އަދާކުރެވޭނެ ހެކިބަހެއް ނެތުމާއި އެކު ކޯޓަށް ހާޒިރުވުމަށް އުޒުރުވެރިވާކަމަށްވެސް ސިޓީގައި ބަޔާންކޮށްފައިވާކަމަށް މައްސަލަ ބައްލަވާ ގާޒީ އަހްމަދު ހައިލަމް ވިދާޅުވިއެވެ.
އަޒީމާ އަށް ކޯޓަށް ހާޒިރުވެވެން ނެތް ކަމަށް އެންގެވުމުން ގާޞީ ވަނީ އެކަމާއި ބެހޭ ގޮތުން ވާހަކަދެއްކުމުގެ ފުރުސަތު ޔާމީންގެ ވަކީލުންނަށް ދެއްވާފައެވެ.އަޒީމާ އެހެން ވިދާޅުވެފައި ވުމުން، އޭނާގެ ހެކިބަސް ނެގުމާއި މެދު ގޮތެއް ނިންމުމަށް ރައީސް ޔަމީންގެ ފަރާތުން ޝަރީއަތުގައި އެދުމުން ޝަރީއަތުން ނިންމީ، ހެކިވެރިޔާ ހެކިބަސް ދިނުމަށް އުޒުވެރިވެފައިވާތީ އޭނާގެ ހެކިބަސް ނުނެގުމަށެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ދައުވާ އުފުލާފައި ވަނީ، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ މައްސަލަ އާއި ގުޅިގެންނެވެ. މި މައްސަލައިގައި ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ހަމައެކަނި ދިފާއީ ހެކިވެރިޔާއަކީ އާޒިމާއެވެ.