English Edition
Dhivehi Edition

އޭސީސީއާއެކު ހަދާފައިވާ އެސްކްރޯ އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރުގެ މައްސަލާގައި ބީއެމްއެލްގެ މައްޗަށް ދައުވާ ނުކުރެވޭނެކަމަށް އެބޭންކުން ކޯޓުގައި ބުނެފިއެވެ.

މިމައްސަލާގައި ސިވިލް ކޯޓުގައި ޔާމިން ދައުވާކޮށްފައިވަނީ، އެ ފައިސާ މިހާތަނަށް ވެސް ދޫނުކުރާތީ އެ ފައިސާ އަނބުރާ ހޯދުމަށާއި ގެއްލުމުގެ ބަދަލު ހޯދުމަށެވެ. ޔާމީންގެ ފަރާތްޕުޅުން ސިވިލް ކޯޓުގައި ދައުވާކުރީ ބޭންކާއި އޭސީސީއާ ދެކޮޅަށެވެ.

ބޭންކުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ބޭންކުން ހައި ކޯޓު މަރުހަލާގައި އިޖްރާއީ ނުކުތާ ނެގިނަމަވެސް، ބޭންކާ ދެކޮޅަށް ދައުވާ ކުރެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމުމުން ބޭންކުން ހައިކޯޓުގައި އެނިންމުން އިސްތިޢުނާފް ކުރިއެވެ.

ހައި ކޯޓުގައި އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި ބޭންކުގެ ވަކީލުން ވިދާޅުވީ އެއްބަސްވުން ހެދީ ޔާމީނާއި އޭސީސީއާ ދެމެދު ކަމަށާއި އެ ބޭންކަކީ އެ ކޮންޓްރެކްޓްގައި ނުހިމެނޭ ބައިވެރިއެއް ކަމަށެވެ. އެހެންކަމުން ކޮންޓްރެކްޓަކާ ގުޅިގެން ދައުވާ ނުކުރެވޭނެ ކަމަށް ކޯޓުތަކުން ކުރިން ނިންމާފައިވާކަން ފާހަގަކޮށް، އެކަމަކީ އިޖްރާއީ ނުކުތާއެއް ނެގި ނަމަވެސް އިބްތިދާއީ މަރުހަލާގައި ގޮތެއް ނިންމަން ޖެހޭ ކަމެއްކަމަށް ބޭންކުގެ ވަކީލުން ވިދާޅުވެފައި ވެއެވެ.

ބޭންކުން ބުނެފައިވަނީ ބޭންކުގެ އެކައުންޓުތަކުގައި ހުންނަ ފައިސާއަކީ އެކައުންޓުގެ ވެރިފަރާތުގެ ހުއްދަ ނެތި އެހެން ފަރާތަކަށް ދޫ ނުކުރެވޭ ފައިސާއަކަށް ވާތީ މިމައްސަލާގައި ބޭންކުގެ މައްޗަށް ދައުވާ ނުކުރެވޭނެކަމަށް ކަނޑައަޅާ ދިނުމަށެވެ.

 

މޯލްޑިވްސް އިސްލާމިކް ބޭންކު އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރު ހަވާލުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދުމުން ރައީސް ޔާމީން އެއްބަސްވެވަޑައިގަތީ އެ މަނިކުފާނާއި އޭސީސީ ހިއްސާވާ ގޮތަށް އެސްކްރޯ އެކައުންޓެއް ހުޅުވައި 2018 ގައި އެ ފައިސާ ހަވާލުކުރުމަށް ނަމަވެސް، އެއީ އޭސީސީއާ ހަވާލުކުރަން ޖެހޭ ފައިސާއެއް ނޫން ކަމަށް އޭރު ވެސް ޔާމީން ވިދާޅުވެފައިވެއެވެ.

މީގެކުރިން ޔާމީން ވިދާޅުވީ، އެސްކްރޯ އެކައުންޓްގައި ހުރި ފައިސާއަކީ އެމަނިކުފާނަށް ސިޔާސީ މަސައްކަތްކުރަން ލިބިވަޑައިގެންނެވި ފައިސާކަމަށެވެ. އެއީ ޤާނޫނާއި ޚިލާފަށް ހޯއްދެވި ފައިސާއެއް ނޫންކަން ތަކުރާރުކުރައްވާ ޔާމީން ވިދާޅުވެފައިވަނީ، އެސްކްރޯ އެކައުންޓް ހުޅުވީ އެއް އަހަރުގެ ތެރޭގައި އެ ފައިސާއަކީ ދައުލަތުގެ ފައިސާ ކަމަށް އޭސީސީ އަށް ނުނިންމިއްޖެ ނަމަ، އަނބުރާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރަން ޖެހޭ ފައިސާގެ ގޮތަށްކަމަށެވެ.

ނަމަވެސް އޭގެ އެތައް އަހަރެއް ފާއިތުވިއިރުވެސް އެފައިސާ އަނބުރާ ޖަމާކޮށްފައިނުވާކަން ޔާމީން ފާހަގަ ކުރެއްވިއެވެ.

އެ މައްސަލާގެ އިއްޔެގެ އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެ ކަން އިއުލާން ކުރެއްވުމަށްފަހު އެވެ. އެ މައްސަލަ ނިމެންދެން އެ މައްސަލަ ސިވިލް ކޯޓުގައި މަޑުޖައްސާލަން ހައި ކޯޓުން ކުރިން އޮތީ ވަގުތީ އަމުރެއް ނެރެފަ އެވެ.

ހައި ކޯޓުން އެމައްސަލަ ބައްލަވަނީ އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ދީބާނާޒް ފަހުމީ އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ.