English Edition
Dhivehi Edition
އާޒިމާ ޝުކޫރު

މާލޭގެ މޭޔަރު ކަމުގެ ބައި-އިލެކްޝަންގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވަން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ނިންމަވައިފިއެވެ.

މި މަހުގެ 17 ވަނަ ދުވަހު އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާކުރެއްވުމުން ހުސްވާ މާލެ ސިޓީ މޭޔަރުކަމުގެ މަގާމަށް އާޒިމާ ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އާޒިމާ ވިދާޅުވީ މޭޔަރުކަމަށް ކުރިމަތިލައްވަން ނިންމެވީ އޭނާއަކީ އުމުރުން 17 އަހަރުން ފެށިގެން ގައުމީ ހިދުމަތުގައި ދެމިހުންނެވި ބޭފުޅެއްކަމަށްވާތީ އާއި ރައްޔިތުންނާއި ގާތުން ހިދުމަތްކުރުމުގެ ޝައުގު ހުންނަވާތީ ކަމަށެވެ.

މީގެ އިތުރުން އާޒިމާ ވިދާޅުވީ މާލޭ ސަރަހައްދު ހަގީގީ މާނައިގައި ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނަށް ރާއްޖޭގެ ހިންގުން ބަދަލު ވިޔަސް، ރައްޔިތުންގެ ބޭނުންތަކަށް ބަދަލު ނާންނަކަމަށް އާޒިމާ ވިދާޅުވިއެވެ. އިތުރުން އާޒިމާ ވިދާޅުވީ ހިންގުމުގެ އޮނިގަނޑު ވަރުގަދަ ކުރުމުގެ ބޭނުން ދުވަހުން ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށާ އެހެންނަމަވެސް ކައުންސިލާއި ސަރުކާރާ ދެމެދު އޮތް ޖެއްސުންކުރުމާއި ޒުވާބުގެ ސަބަބުން މާލޭގެ ރައްޔިތުން ބޭނުންވާ ތަރައްގީއާއި ހިދުމަތްތައް މުޅިންހެން ހުއްޓިފައިވާ ކަމަށެވެ.

މާލޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ރޭވުންތެރިކަމާއެކު، ގައުމީ އަދި ރަށު ފެންވަރުގައި އިތުރު ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވަމުން އާޒިމާ ވިދާޅުވީ މިމައްސަލަތަކަކީ ގައުމީ ފެންވަރުގައި ހައްލުތަކެއް ލިބިގެންނޫނީ ހައްލު ނުލިބޭނޭ ކަންކަންކަމަށެވެ.