English Edition
Dhivehi Edition

މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެތެރޭގެ ދަރަނި ބޮޑުވެފައިވާ ސަބަބު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސާފުކޮށްދެއްވައިފިއެވެ.

މަރުކަޒީ ބޭންކުން މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތަފާސް ހިސާބުތައް އާއްމު ކޮށްފައިވާއިރު، ދައުލަތު ދަރަނީގެ އަދަދު ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވަނީ 50 ބިލިއަން ރުފިޔާ ހުރަސް ކޮށްފަ އެވެ.

މިކަމާއި ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވެފައިވާއިރު އަމީރު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެތެރޭގެ ދަރަނީގެ ގޮތުގައި ހުރި 1.9 ބިލިއަން ރުފިޔާގައި އިންޑިއާއިން ހިލޭ އެހީގެ ގޮތުގައި ދިން 1.5 ބިލިއަން ރުފިޔާ ހިމެނޭ ކަމަށެވެ. މީގެ އިތުރުން އަމީރު ވިދާޅުވީ މިހާރު ދަރަނީގެ ގޮތުގައި އެ އަދަދު ރިކޯޑް ކުރެވިފައިވީ ނަމަވެސް މެޗުއަރިޓީގައި މި އަންނަ އަހަރު 1.5 ބިލިއަން ހިލޭ އެހީއެއްގެ ގޮތުގައި ރިކޯޑް ކުރެވޭނެކަމަށެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މި ހަފުތާގައި އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ދައުލަތުގެ ދަރަނީގެ ބޮޑު ބައި ހިއްސާކުރަނީ އެތެރޭގެ ދަރަންޏެވެ. އެގޮތުން 50 ބިލިއަންގެ ތެރެއިން 29.7 ބިލިއަން ރުފިޔާ އަކީ އެތެރޭގެ ދަރަންޏެވެ. އެއީ މުޅި ދަރަނީގެ 58 ޕަސެންޓެވެ.އެތެރޭގެ ދަރަނީގެ ބޮޑު ހިއްސާ އަކީ ސަރުކާރުން ވިއްކާފައިވާ ޓީބިލާއި ބޮންޑެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު 1.9 ބިލިއަން ރުފިޔާގެ ޓީބިލާއި ބޮންޑު ވިއްކައިގެން ސަރުކާރަށް ފައިސާ ހޯދާފައިވެ އެވެ.