ސަރުކާރުގެ ވައުދުތައް ފުއްދުމުގެ ސްޕީޑް މަޑުޖައްސާލަން ޖެހޭކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މި ސަރުކާރުން ދަނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަމުންކަމަށެވެ. އަދި ސަރުކާރުގެ ވައުދުތައް ފުއްދުމުގެ ސްޕީޑް މި ވަގުތަށް މަޑުޖައްސާލުމަކީ މިވަގުތު ރާއްޖެއަށް އެންމެ ރަނގަޅު ގޮތްކަމަށްވެސް ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.
މަޝްރޫއުތައް މަޑުޖައްސާލަން ޖެހޭކަމުގެ ވާހަކައަކީ މެންބަރުންނަށާއި މިނިސްޓަރުންނަށް ދައްކަން ފަސޭހަ ވާނެ ވާހަކައެއްނޫންކަން ހާމަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެހެންނަމަވެސް މިއީ މިވަގުތު ކޮންމެހެން ރައްޔިތުންނަށް އެނގެން ޖެހޭ ވާހަކައެއްކަމަށެވެ.
“ސަރުކާރުން ވައުދުތައް ފުއްދުމުގެ ސްޕީޑް މަޑުޖައްސާލުމަކީ މިވަގުތު ރާއްޖޭގެ މާލިއްޔަތަށް އެންމެ ރަނގަޅުގޮތް،” ނަޝީދު ވިދާޅުވިއެވެ. އިތުރަށް ރައީސް ނަޝީދު ވިދާޅުވީ އެހެން ވިދާޅުވީ ދުނިޔޭގެ ކަންކަމަށް އަންނަ ބަދަލުތަކާއި މުޅި އިގްތިސާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށާއި ހާއްސަކޮށް ދުނިޔޭގެ ތެލުގެ އަގު ބޮޑު ވަމުންދިއުމުން ކަމަށެވެ.
އަވައްޓެރި ސްރީލަންކާ އިން މިސާލު ނަންގަވާ އެ ގައުމު ދަރެނިވެރިވެފައިވާކަން ފާހަގަކުރައްވާ، ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ކޮންމެ ކަމެއްވެސް ކުރިއަށްގެންދަން ވާނީ ވަރަށް ވިސްނުންތެރި ކަމާއެކު ކަމަށެވެ.