އައްޑޫ ހައި ސްކޫލުގެ ހޯލު އެޅިގެން ދިއުމަކީ ވަރަށް ގިނަ ދުވަސް ތަކުގެ އުންމީދެއް ކަމަށް އައްޑޫ ހައިސްކޫލުގެ ޕްރިންސިޕަލް އިބްރާހީމް ނަދީމް ވިދާޅުވެއްޖެއެވެ.
އައްޑޫ ހައިސްކޫލުގައި އެޅުމަށް ހަމަޖެހިފައިވާ މަލްޓި ޕާޕަސް ހޯލުގެ މަސައްކަތް ފެށުމަށްޓަކައި އިނޯކާ ޕްރައިވެޓް ލިމިޓެޑް އާއި ހަވާލު ކުރުމަށް އައްޑޫ ހައިސްކޫލުގެ ގޯތި ތެރޭގައި ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަމުން ނަދީމް ވިދާޅުވީ މިހާތަނަށްވެސް ސްކޫލްގައި ހޯލެއް ނެތުމުގެ ސަބަބުން ބައެއް ކަންކަން ނުބޭއްވި ލަސްވުމާއި، ބައެއް ފަހަރު ކަންކަން ނުބޭއްވިފައިވާ ކަމަށެވެ. ސްކޫލްގެ ހޯލެއް ނެތުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާއި ބެހޭ ގޮތުން ވާހަކަދައްކަމުން ނަދީމް ވިދާޅުވީ ޖަލްސާތަކާއި، ޕްރައިޒްޑޭ އަދި ތަފާތު މުނާސަބާތަށް ބާއްވަން ޖެހި، މޫސުމާއި ތަފާތު އެކި ކަންކަމާއި ހެދި ނުބޭއްވި ދަތިތަކާއި ކުރިމަތިވެފައިވާކަމަށެވެ. “މިއަދު މިއުއްމީދު ހާސިލުވެގެން ދިއުމަކީ ސްކޫލަށް ނިސްބައްވާ އެންމެހާއި ފަރާތްތައް ވަރަށް އުފާ ކުރާ ކަމެއް. ” ނަދީމް ވިދާޅުވިއެވެ.
އައްޑޫ ހައިސްކޫލްގައި ހެދުމަށް ހަމަޖެހިފައިވާ 2 ބުރީގެ ޢިމާރާތަކީ ޕީއެސްއައިޕީބަޖެޓުން 7.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހަދާ މިޢިމާރާތެކެވެ. މި މަޝްރޫއު އިނޯކާ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރީ 7 މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ.މި މަޝްރޫއު އާއި ބެހޭ ގޮތުން އިނޯކާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ ޙަސަން ޝަމީމް ވިދާޅުވި، މިމަސައްކަތް ހަލުއިކަމާއެކު ކުރިއަށް ދާ ކަމަށާއި އަންނަ ހަފްތާ ތެރޭގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށެވެ.