ޤައުމެއް ބިނާކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރާ އެއްތަނަކީ މަދަރުސާތައް ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ އައްޑޫ ސޓީ ސްކޫލްތަކުގެ އެންމެ އިސްވެރިންނާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
އިއްޔެ މެންދުރުފަހު އައްޑޫ ހައިސްކޫލްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ސްކޫލްތަކުގެ އެންމެ އިސްވެރިން ވަނީ އެ ބޭފުޅުން ނިސްބަތްވާ ސްކޫލްތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަތަކުގެ ތަފްސީލް ނައިބު ރައީސާއި ހިއްސާ ކުރައްވާފައެވެ. އެގޮތުން ސްކޫލްތަކުގެ އިސްވެރިން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ފެންވަރު ރަނގަޅު ޓީޗަރުން ލިބުމުގެ ދަތިކަން ކުރިމަތިވުމާއި ސްކޫލްތަކުގެ ޖާގަ އަދި ވަޞީލަތުގެ ގޮތުން ހުރި ދަތިތައް ފާހަގަކުރައްވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ހެޔޮގޮތުގައި ދަރިވަރުން ތަރުބިއްޔަތުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
ނައިބު ރައީސް ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނަށް ވަޑައިގެން އެ އިދާރާގެ ޙާލަތުވެސް ވަނީ ބައްލަވާލައްވާފައެވެ. އައްޑޫ ސިޓީގައި ފުލުހުންނަށް ދިމާވެފައިވާ ދަތިތަކުގެ މަޢުލޫމާތު އެ ބޭފުޅުން ވަނީ ނައިބު ރައީސާއި ހިއްސާކުރައްވާފައެވެ. އެގޮތުން އެ ބޭފުޅުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ވެހިކަލް މަދުވުމާއި އިމާރާތުގެ ދަތިކަން ހިމެނެއެވެ. އަދި އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފުލުހުން އިތުރުކުރަންޖެހިފައިވާކަމަށާއި ފުލުހުންގެ ކޮމިޝަނަރ އެކަންކަން ހައްލުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ.