English Edition
Dhivehi Edition

މޯސްޓް އެކްޓިވް ހިއުމަން ރައިޓްސް ކްލަބްގެ އެވޯޑް އައްޑޫ ހައި ސްކޫލަށް ލިބިއްޖެއެވެ.

މި އެވޯޑު އެ ސްކޫލަށް ލިބިފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަން އަދި ޔޫއެން މޯލްޑިވްސް އާއި ގުޅިގެން އެސްއެމްއީ ހަބްގައި “ލެންސް އޮން ހިއުމަނިޓީސް ޖާނީ” ގެ ނަމުގައި ބޭއްވި ފޮޓޯ މައުރަޒުގައެވެ.

މިއީ އިންސާނީ ޙައްޤުތަކުގެ އާންމު ޤަރާރު (ޔުނިވާސަލް ޑެކްލަރޭޝަން އޮން ހިއުމަން ރައިޓްސް) އދ. ގެ ޢާންމު މަޖިލީހުން ފާސްކޮށް، އދ. ގެ މެންބަރު ޤައުމުތަކުން ޢަމަލުކުރަން ފެށިތާ 75 އަހަރު ފުރުމާއި ހިއުމަން ރައިޓްސް ކޮމިޝަން ޤާއިމްކުރިތާ 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ފޮޓޯ މައުރަޒެކެވެ.

“ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް” ތީމަށް ޚާއްސަކޮށްގެން ބޭއްވި މި ފޮޓޯ މައުރަޒު މިހާރުވަނީ އާއްމުންނަށް ހުޅުވައިލާފައެވެ. އަދި މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ފޮޓޯ މައުރަޒު އިފްތިތާހުކުރުމުގެ ހަފްލާ ރަސްމީކޮށް ފަށާފައިވަނީ 2023 ވަނަ އަހަރުގެ އިންސާނީ ހައްގުތަކުގެ ދުވަހުގެ ޚާއްސަ ވީޑިއޯ އިންނެވެ. މި ވީޑިއޯގައި އިންސާނީ ޙައްޤުތަކާ ބެހޭގޮތުން ޢާންމުން ދެކޭގޮތާއި އިންސާނީ ޙައްޤުތައް ކުރިއެރުވުމާއި، ޙިމާޔަތްކުރުމުގައި، ކޮމިޝަނުގެ މުހިންމު ދައުރަށް އަލިއަޅުވާލާފައި ވެއެވެ.

މި ހަފްލާގައި އެޗްއާރްސީއެމްގެ ފަރާތުން ސްކޫލްތަކުގައި ގާއިމްކޮށްފައިވާ ހިއުމަން ރައިޓްސް ކްލަބްތަކަށް އަމާޒުކޮށް ދެ އެވޯޑެއް ފުރަތަމަ ފަހަރަށް ވަނީ ދީފައެވެ.

އެއީ ‘ބެސްޓް ހިއުމަން ރައިޓްސް ކްލަބް’ ގެ އެވޯޑާއި ‘ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް’ ގެ އެވޯޑެވެ.

މި އެވޯޑްތަކަކީ އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް ކްލަބްތަކުންނާއި ކްލަބްގެ ދަރިވަރުންކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، މިފަދަ ހަރަކާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ތައާރަފްކުރެވުނު އެވޯޑެކެވެ.

އެގޮތުން، ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް އެވޯޑް ލިބިފައިވަނީ ރެހެންދި ސްކޫލްގެ ދަރިވަރެއް ކަމުގައިވާ ފާތިމަތު އާލާ އަބްދުالله ސާލިހަށެވެ. އަދި މޯސްޓް އެކްޓިވް ހިއުމަން ރައިޓްސް ކްލަބްގެ އެވޯޑް ލިބިފައިވަނީ އައްޑޫ ހައި ސްކޫލަށެވެ.

ހިއުމަން ރައިޓްސް ކްލަބަކީ ސްކޫލްތަކުގެ ދަރިވަރުން އިންސާނީ ޙައްޤަށް އަހުލުވެރިކުރުވާ އިންސާނީ ޙައްޤުތައް ކުރިއެރުވުމުގެ އަމަލީ މަސައްކަތުގައި އުޅުމަށް ބާރުއަޅުވައި އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރާ ޘަޤާފަތެއް މުޖުތަމަޢުގައި އުފެއްދުމުގެ މަޤްޞަދުގައި ހިއުމަން ރައިޓްސް ކޮމިޝަނާއި، ޔުނިސެފް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ތައާރަފް ކޮށްފައިވާ ކްލަބް ތަކެކެވެ.

ކްލަބްތައް ސްކޫލުގައި އުފައްދައި މެނޭޖްކުރަނީ އެ ސްކޫލަކުންނެވެ.