ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ދެ ބޭފުޅަކު އައްޔަން ކުރަން އުޅޭތީ އެކަމާ ދެކޮޅަށް ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި މައްސަލަ ބަލައިގަތީ އެ ކަމަށް ތާއިދުކުރައްވާތީ ނޫންކަމަށް މަޖިލީހުގެ މެމްބަރުން ވިދާޅުވެއްޖެއެވެ.
52 މެމްބަރުންގެ ވޯޓުން ބަލައިގަތް މި މައްސަލައަށް މިއަދު ބަހުސް އަށް ހުޅުވާލިއިރު، މި މައްސަލަ ބަލައިގަތީ ރައްޔަތުންނަށް އޮޅުން އަރާފާނެތީކަމަށް މަޖިލީހުގެ މެމްބަރުންވަނީ ވިދާޅުވެފައެވެ.
ޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައި އޮތީ، ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން ހަމަޖެއްސުމަކީ އިސްލާމް ދީނުގެ އަސްލުތަކާއި އަދި ޝަރީއަތާ ހިލާފުކަމެއް ކަމަށެވެ.އަދި އަންހެނުންނާ ފަނޑިޔާރުކަން ހަވާލުކުރި މީހާ އާއި ހަވާލު ކުރެވޭ މީހާ ފާފަވެރިވާނެ ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިހުން ބުނެފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. އަޒްމިރަލްޑާ ޒާހިރު އަދި އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާ މެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފައިވާއިރު މި މައްސަލައާއި ގުޅިގެން ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކާއި އަދި ރައްޔަތުންގެ މެދުގައި ވަނީ ބޮޑު ބަހުސެއް ފެށިފައެވެ.
މި ގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ އަންހެން ދެ ބޭފުޅަކު އައްޔަން ކުރުމަށް ތާއިދުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. މި މައްސަލާގައި އަދާލަތު ޕާޓީ އިން ނެރުނު ބަޔާނުގައި ބުނީ ފަނޑިޔާރުކަމަށް އަންހެނުން އައްޔަން ކުރުމާ ގުޅިގެން އައިސްފައިވާ ރައުޔުތަކުގެ ތެރެއިން ބޮޑަށް ބުރަވެވެނީ ގާޒީކަމަށް އަންހެނަކު އައްޔަން ކުރުން ހުއްދަނޫން ކަމަށް ބުނާ ރައުޔަށްކަމަށެވެ.