ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހީރު ނުފޫޒު ފޯރުވާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ސާބިތުވެއްޖެނަމަ އޭނާއާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިއަދު މަބްރޫކް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތަށް އަލީ ޒާހީރު ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނާ މައްސަލަ، ކަމާއި ބެހޭ އިދާރާތަކުން ބަލައި ތުހުމަތުތައް ސާބިތުވެއްޖެނަމަ އޭނާއާއި މެދު ފިޔަވަޅު އަޅާނެކަމަށެވެ. މަބްރޫކް ވިދާޅުވީ އަލީ ޒާހިރަށް ކުރެވޭ ތުހުމަތުތައް ޖޭއެސްސީން ބެލުމަށްފަހު، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ސާބިތުވެއްޖެނަމަ އޮންނަ އުސޫލުގެ ދަށުން ފިޔަވަޅު އަޅަން ސަރުކާރު ފަހެއް ނުޖެހޭނެ ކަމަށެވެ.
އިތުރަށް މަބްރޫކް ވިދާޅުވީ ސަރުކާރުން ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.
ރައީސް ޔާމީނަށް ހުކުމް ކުރި ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރެއްގެ އޯޑިއޯ ލީކުވެފައިވާ އިރު އެ އޯޑިއޯގައި ފަނޑިޔާރުން ވަނީ ޔާމީނަށް ވަކި ގޮތަކަށް ހުކުމް ކުރަން އަލީ ޒާހިރު އިރުޝާދު ދެއްވާފައިވާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އަލީ ޒާހިރު ވަނީ މި ތުހުމަތުތަށް ދޮގުކުރައްވާފައެވެ. ފަނޑިޔާރުންގެ އޯޑިއޯތަކުގެ މައްސަލަ ޖޭއެސްސީން މިހާރު ބަލަމުން އަންނައިރު އެ މައްސަލަގެ ތަހުގީގަށް ތިން ފަނޑިޔާރުން އަޑުގެ ސާމްޕަލް ވަނީ ނަގާފައެވެ.