އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ހާލަތު ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ މެމްބަރުން އައްޑޫ އަށް ދާން ނިންމައިފި އެވެ.
އިއްޔެ ބޭއްވި އެސްއޯއީ ކޮމިޓީގައި މެންބަރުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ހާލަތާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް އެ ކުންފުނީގެ އިސްވެރިންނާއި ކުރައްވާފައިވާއިރު މި ސުވާލުތަަކަށް ޖަވާބުދެއްވަމުން އައްޑޫ އެއާޕޯޓްގެ ބޯޑު މެމްބަރު އިބްރާހިމް ނޫރައްދީން ވިދާޅުވެފައިވަނީ ތަނުގެ ހާލަތު އެންމެ ފުރިހަމަ އަށް ފެންނާނީ މެމްބަރުން އެތަނަށް ވަޑައިގަތީމަ ކަމަށެވެ. އަދި އެ ތަނުގެ އިމާރާތާކީ ގިނަ ދުވަސްވެފައިވާ އިމާރާތެއްކަން ފާހަގަކުރައްވާ ނޫރައްދީން ވިދާޅުވީ އެތަންވަނީ ވީރާނާވެފައިކަމަށެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ވިދާޅުވީ އައްޑޫ އެއާޕޯޓް ކުންފުނި އުފެއްދުމުގެ މައިގަނޑު މަގްސަދަކީ އައްޑޫގެ ތަރައްގީ ކުރުންކަމަށެވެ. އަދި ރާއްޖޭގައި އެންމެ ކާމިޔާބު ވިޔަފާރިވެރިން ނިސްބަތްވާ ކާސާ ހޯލްޑިންސްގެ 30 ޕަސެންޓާއި ސަރުކާރުގެ 70 ޕަސެންޓް ހިއްސާވާ ކުންފުންޏެއް ފެއިލްވެގެން ދިޔުމަކީ ސަރުކާރުގެ ފަރާތުން ބޯޑުގައި އިންނަވާ މެންބަރު ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ އަށް މަހެއްގެ މައްޗަށް 2.9 މިލިއަން ރުފިޔާ ލިބޭއިރު 3.9 މިލިއަން ރުފިޔާ ހަރަދު ކުރަންޖެހޭ ކަމަށްވެސް އެ ކުންފުނިންވަނީ ބުނެފައެވެ.
2012 ވަނަ އަހަރު ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ނަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ބަދަލުކޮށް، އެ ކުންފުނީގެ 30 ޕަސެންޓް ހިއްސާ ކާސާ ހޯލްޑިންސް އަށް ވަނީ ދީފައެވެ. އައްޑޫ އެއާޕޯޓްގެ ތަރައްގީ އަށް ގިނަ މަސައްކަތްތަކެއް ޕްލޭންކޮށްފައި ވިޔަސް އެކަންކަން ނުކުރެވެނީ ވެސް ފައިސާ ނެތުމުން ކަމަށް އޭއައިއޭ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ރިމްނާ ވިދާޅުވި އެވެ. އެގޮތުން 2013 ވަނަ އަހަރު އެއާޕޯޓް ތަރައްގީ ކުރުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް ފެށި ކަމަށާއި އެ މަސައްކަތް ނިންމާލާފައިވަނީ 2016 ވަނަ އަހަރު ކަމަށް ރިމްނާ ވަނީ ވިދާޅުވެފައެވެ. މިކަމަށް 14.6 މިލިއަން ޑޮލަރު ހަރަދުވެފައިވެ އެވެ.