English Edition
Dhivehi Edition

ކޮންމެ މެމްބަރަކަށްވެސް އިޝްތިހާރުވުމަށާއި މަޖިލީހުގެ ތަޅުމުގައި ވަގުތު ހޯދުމަށް އެކި ނަން ނަމުގައި ބިލު ހުށަހެޅިދާނެކަމަށް ރައްޔަތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ އިނާޔަތް 10،000ރ. އަށް ބޮޑުކުރަން، ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވުމާ ގުޅިގެން ޝަރީފް ވިދާޅުވީ އެ ބިލަކީ ފައިސާއާ ގުޅޭ ބިލެއް ކަމުން، ދައުލަތުގެ ފަރާތުން ނޫން ގޮތަކަށް އެފަދަ ބިލެއް ހުށަނޭޅޭނެ ކަމަށެވެ.އަދި ދިވެހި ދައުލަތް އަދިވެސް ހިންގަނީ އާމްދަނީއަށް ވުރެ ހަރަދު ބޮޑުކޮށް ކަމަށް ޝަރީފްވަނީ ވިދާޅުވެފައެވެ.

ޕެންޝަން ގާނޫނަށް ބަދަލު ގެނައުމަށް އިސްލާހު ހުށަހެޅީ ރައްޔިތުންގެ ހަލާކަށާއި ގައުމު ސުންނާފަތި ކުރުމަށްކަމަށް ވިދާޅުވެ ޝަރީފް ވަނީ މި ބިލާއި ދެކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މި ގޮތުން ޝަރީފް ވިދާޅުވީ ބަޖެޓެއް ފާސްކޮށްފައި ވަނިކޮށް އަހަރު މެދުތެރެއިން މި ފަދަ ބިލެއް ހުށަނޭޅޭނެކަމަށާއި މި ބިލު ވަގުތުން ވަގުތައް މަޖިލީހުން ބޭރުކުރަންޖެހޭ ކަމަށެވެ. މީގެ އިތުރުން ޝަރީފް ވިދާޅުވީ ޕެންޝަނާއި ބެހޭ ގާނޫނަށް ހުށަހަޅާފައިވާ މި އިސްލާހަކީ ހުށަހެޅެން ޖެހޭ ވަރުގެ އިސްލާހެއް ނޫން ކަމަށާއި މި އިސްލާހާއި މެދު ބަހުސްވެސް ކުރެވިގެން ނުވާނެ ކަމަށެވެ.