English Edition
Dhivehi Edition

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ބޭސިކް ހޭންޑްބޯލް ކޯޗިންގ” ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހޭންޑްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން މާލޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ކޯހަކީ 8 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހެކެވެ. 20 އޮގަސްޓް 2019 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯސް ކުރިއަށް ދާނީ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (ހ.ބޯޅަގެ) ގައެވެ. މުޅިން ހިލޭ ކުރިއަށް ގެންދާ މި ކޯހުގައި އުމުރުން 16 އަހަރު ވެފައިވުމާއިއެކު ބޭސިކް އެޑިއުކޭޝަން (ގްރޭޑް 6)، ފުރިހަމަކޮށްފައިވުން އަދި ބޭސިކް އިނގިރޭސި ބަހުން މުއާމަލާތް ކުރަން އެގޭ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެކަމަށް ޔޫތް މިނިސްޓްރީންވަނީ ބުނެފައެވެ.

ޖުމްލަ 40 ކޯޗުން ތަމްރީނުކުރުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީހަކީ 18 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. މިކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ޔޫތް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް މިނިސްޓްރީންވަނީ ބުނެފައެވެ.