ހޭންޑްބޯލް މޯލްޑިވްސްގެ މިއަހަރުގެ އެކްސްކްލޫސިވް ޑިވެލޮޕްމެންޓް ޕާރޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ.
ދިރާގުގެ ސީ.އެސް.އާރު ސްޓްރެޓެޖީގެ މައިގަނޑު އެއް އަމާޒުކަމަށްވާ ޒުވާނުން ބާރުވެރިކުރުމުގެ ދަށުން އެ ކުންފުނިން ދަނީ ޒުވާނުންނަށް އައު ފުރުސަތުތައް ފަހިކޮށްދޭ ފަދަ ތަފާތު ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ނެވެ.
މިގޮތުން ހޭންޑްބޯލް މޯލްޑިވްސްއާއެކު ކުރިއަށްގެންދާ މި ޕާޓްނަރޝިޕް މެދުވެރިކޮށް ދިރާގުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒުވާނުން ބާރުވެރިކުރުވައި ހުނަރުވެރި ހޭންޑްބޯލް ކުޅުންތެރިން އުފެއްދުމަށް ދިވެހި ކުޅިވަރު މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވީ ހޭންޑްބޯޅައިގެ މިއަހަރުގެ ޑިވެލޮޕްމަންޓް ޕާޓްނަރަކަށްވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ހޭންޑްބޯޅައަކީ ވަރަށް ކުރުމުއްދަތެއްގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބަޔަކު ކުޅެން ފެށި ކުޅިވަރެއް ކަމަށެވެ.
“އަޅުގަނޑުމެންގެ އުންމީދަކީ ހޭންޑްބޯލް މޯލްޑިވްސްއާއެކު މި ކުޅިވަރު އިތުރަށް ކުރިއަރުވާ ގިނަ ބަޔަކަށް ފުރުސަތުތަކެއް ހޯދައިދިނުން.” އޭނާ ވިދާޅުވި އެވެ.
ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ ވަނީ ރާއްޖޭގައި ހޭންޑްބޯޅަ ކުރިއެރުވުމަށް ދިރާގުން ވެދެއްވާ އެހީތެރިކަމަށްޓަކައި އެކުންފުންޏަށް ޝުކުރު ދަންނަވާފަ އެވެ. އަދި މި ޕާރޓްނާރޝިޕް މެދުވެރިކޮށް، އަމާޒަކީ ދިރާގާއެކު ރާއްޖޭގައި ހޭންޑްބޯޅަ އިތުރަށް ޕްރޮމޯޓްކޮށް ކުރިއަށްއޮތް ތާނގައިވެސް ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ ތަމްސީލު ކުރެވޭނެފަދަ ކުޅުންތެރިން ބިނާކުރުން ކަމަށެވެ.
ދިރާގުން ދަނީ ކުޅިވަރާއި އިޖްތިމާޢީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުން ނެވެ.