English Edition
Dhivehi Edition

ގދ. ތިނަދޫގައި ހަވަރު ސްޕޯޓްސް އިން އިންތިޒާމުކޮށްގެން ތިނަދޫ ސްޓޭޑިއަމާއި ގުޅިގެން ބާއްވާ “ހަވަރު ވިމަންސް ހޭންޑްބޯލް ޓޯނަމެންޓް 2021” ގައި ބައިވެރިވުމުގެ ފުރުސަތު މުޅި ދިވެހިރާއްޖެއަށް ހުޅުވާލައިފިއެވެ.

މިއަދު ހަވަރު ސްޕޯޓްސްގެ ފޭސްބުކް ޕޭޖުގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާގޮތުން މި މުބާރާތަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ 05 ޖަނަވަރީ އިން 31 ޖަނަވަރީ 2021 ގެ ނިޔަލަށެވެ. ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ފެށޭ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގދ. ތިނަދޫ އާރު އަވަށު ޓާރފް ދަނޑުގައެވެ.

މި މުބާރާތާއި ބެހޭގޮތުން އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން ހަވަރު ސްޕޯޓްސްގެ ފައުންޑަރ އަދި ނައިބު ރައީސް މުހައްމަދު ޔާސިރު ވިދާޅުވީ ކުރިން އެ ޖަމިއްޔާއިން މި މުބާރާތް ބާއްވަމުން ގެންދިޔައީ ހަމައެކަނި ހުވަދުއަތޮޅުގެ ޓީމުތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ކަމަށާއި ނަމަވެސް މި ފަހަރުގެ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މުޅި ދިވެހިރާއްޖެއަށް ހުޅުވާލާފައި ވާނެ ކަމަށެވެ.

ހަވަރު ސްޕޯޓްސް އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ހޭންޑް ބޯލް މުބާރާތްތަކުގެ ތެރެއިން އެންމެ ފަހުން ބޭއްވުނު މުބާރާތުގައި ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާނެއް ވަނީ ދީފައެވެ. މިހާރުވެސް ހުވަދު އަތޮޅަށް ހުޅުވާލައިގެން ފުޓްބޯޅަ މުބާރާތެއް ކުރިއަށް ގެންދަމުން އަންނަ ހަވަރު ސްޕޯރޓްސް އަކީ ކުޅިވަރުގެ ދާއިރާގެ އިތުރުން އިޖުތިމާއީ އެހެނިހެން ކަންތައްތަކުގައި ވެސް ގދ. ތިނަދޫގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ އެއް ޖަމިއްޔާ ކަން ފާހަގަކޮށްލެވެއެވެ.

މި މުބާރާތުގެ ސްޕޮންސަރުންނާއި ޕާރޓްނަރުން ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްގެންދާ ކަމަށާއި ޓީމުތައް ރަޖިސްޓްރީވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ސްޕޮންސަރުންނާއި ވަނަވަނަށް ހޮވޭ ޓީމުތަކަށް ދޭނެ އިނާމުތައް ވެސް ފައިނަލް ވާނެކަމަށްވެސް ޔާސިރު ވަނީ ވިދާޅުވެފައެވެ.