English Edition
Dhivehi Edition
އައްޑޫސިޓީގެ މީދޫގައި ކުރިއަށްގެންދިޔަ ހޭންޑްބޯޅަ މުބާރާތެއްގެ ތެރެއިން:ފޮޓޯ އޭއޯނިއުސް

އަންނަ އަހަރުގެ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތް ބާއްވާނީ ހަތަރު ސަރަހައްދަކަށް ބަހާލައިގެން ކަމަށާއި އެންމެ ބޮޑު ވިސްނުމަކީ ހޭންޑްބޯާލ ޑިސެންޓްރަލައިޒް ކުރުން ކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު މުޖުތަބާ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ގެ “ކުޅިވަރު ވިންދު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މުޖުތަބާ ވިދާޅުވީ މި ވިސްނުމުގެ ދަށުން އަންނަ އަހަރު އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތް ބާއްވާއިރު މާލޭ ސަރަހައްދު އެއީ ވަކި ބައެއް ގޮތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ސެންޓްރަލް އޭރިއާގައި ވަކިން އިންޓަރ ސްކޫލް މުބާރާތް ކުރިއަށްގެންދާއިރު، އުތުރާއި ދެކުނުގެ ސަރަހައްދަށްވެސް ވަކިން މުބާރާތް ބޭއްވިގެންދާނެ ކަމަށް މުޖުތަބާ ވަނީ ވިދާޅުވެފައެވެ.

“މުބާރާތް އެގޮތަށް ގެންދިޔުމުގެ އެންމެ ބޮޑު ވިސްނުމަކީ ހުރިހާ ގޮތަކުންވެސް ލުއިފަސޭހަ ގޮތަކަށް ގެންދިޔުން . އަންނަ އަހަރުގެ ކަލަންޑަރު ތައްޔާރުކުރެވިގެންދާއިރު، މުބާރާތް ތާވަލުކުރާނީ އެ ބަދަލުތަކާއެކު ކަމަށް. އަދި އަންނަ އަހަރުގެ އިންޓަރ ސްކޫލް މުބާރާތް އެ ހަތަރު ސަރަހައްދުގައި ހޯސްޓުކުރުމަށް ރަށްތަކަށް ހުޅުވާލާނެ ” މުޖުތަބާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޓަރ ސްކޫލް މުބާރާތް އަތޮޅުތެރޭގައި ބާއްވައިފި ކަމަށް ވާނަމަ، މިހާރަށް ވުރެ ފޯރިގަދަވެގެންދާނެ ކަމަށެވެ. އަދި މުސްތަގުބަލުގައި އެ ބަދަލުގެ ފައިދާ ފެންނާނެކަމަށެވެ.